މުރައިދޫގެ. (ދައުރު ފައިލް ފޮޓޯ)

ކޮމެޓީން ނިންމީ މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން

އެގޮތަށް ނިންމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓުން؛ 4 މެންބަރުން ދެކޮޅަށް ވޯޓު ދެއްވި
14 އޮކްޓޯބަރު 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން މަޖިލީހުގެ ސަލަމާތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މައުލޫމާތު ހާމަކުރަން އެދި ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރަން ބޭއްވި އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި އުޅޭ މުވައްޒަފުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދޭ ގޮތަށެވެ. އޭގެ އިތުރުން:

  • މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް ހިނގާ ހަރަދު ސިއްރު ނުކުރަން ހުށަހެޅި؛ ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި

  • ފާސްވީ އެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން

  • އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓާ އެކު؛ 4 މެންބަރަކު ދެކޮޅަށް ވޯޓު ދެއްވި

ފާހަގަކޮށްލެވޭ - އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެ އެވެ. އަދި އެ ގޭގެ އިސް މަގާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. 

މުރައިދޫގޭގައި ނަޝީދު ދުވަސްކޮޅަކަށް ހުންނެވި ނަމަވެސް ފަހުން އެ ގެއިން ބަދަލުވެވަޑައިގެންނެވި އެވެ. އަދި އެއަށް ފަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރިނޫޅުއްވަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް