މުރައިދޫގެ؛ އެ ގެއަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގެންނެވީ މިިދިޔަ ޖުލައި މަހު 25ގައި. (ދައުރު ފޮޓޯ)
މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލް ހޯދަން އެދުނު ސިޓީއަށް މަޝްވަރާކުރަން ކޮމެޓީ ސިއްރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރަން މިއަދު ބޭއްވި ސަލަމާތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީ ސިއްރުކޮށްފި އެވެ.
އެނގުން މުހިންމު - އާންމު ގޮތެއްގައި މަޖިލީހުގެ ކޮމެޓީތައް ސިއްރު ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމާއި ކޮމެޓީއަށް ހާޒިރުކުރާ ފަރާތްތައް ހިއްސާކުރާ މައުލޫމާތުގެ ގޮތުން، އެ ފަރާތަކުން ކޮމެޓީ ބައްދަލުވުން ސިއްރުކުރަން އެދޭ ނަމަ އެވެ.
ތަފްސީލް - އެ ސިޓީ ހުށަހެޅުއްވުމުގެ ކުރިން އެ ކޮމެޓީ ސިއްރު ކުރަން ފެނޭތޯ މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް އެއްސެވުމުން:
-
އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހް ވަނީ ކޮމެޓީ ސިއްރުކުރަން ހުށަހަޅުއްވާފައި
-
ފަލާހްގެ ހުށަހެޅުއްވުމަށް މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތާއިދުކުރައްވާފައި
ފާހަގަކޮށްލެވޭ - އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ 25 ޖުލައިގަ އެވެ.
މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެ އެވެ. އަދި އެ ގޭގެ އިސް މަގާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.
މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ.
މުރައިދޫގޭގައި ނަޝީދު ދުވަސްކޮޅަކަށް ހުންނެވި ނަމަވެސް ފަހުން އެ ގެއިން ބަދަލުވެވަޑައިގެންނެވި އެވެ. އަދި އެއަށް ފަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރިނޫޅުއްވަ އެވެ.