އޭޖީ އުޝާމް މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އޭޖީ ވިދާޅުވަނީ ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުމަކީ ޅަދަރިންނާއި ޒުވާނުން ހައްގުގައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށް (ފޮޓޯ/ދައުރު)
ވޭޕް މަނާކުރުމަށް ގާނޫނަށް ގެންނަ އިސްލާހުތައް މި ހަފްތާ މަޖިލީހަށް ހުށަހަޅާނަން: އޭޖީ
ރާއްޖެއަށް ވޭޕްކުރަން ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އެތަކެތި ބޭނުންކުރުން މަނާކުރަން ސަރުކާރުން މިއަދު ނިންމި ނިންމުން ތަންފީޒުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މި ހަފްތާ އިސްލާހުތައް ރައްޔިތުން މަޖިލީހަށް ފޮނުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވޭޕް ކުރުމަށް ބޭނުންކުރާ ހުރިހާ ބާވަތްތަކެއް ރާއްޖޭގައި މަނާކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާ ވިދިގެން ތައުރީފްކުރައްވައި އުޝާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް ރާއްޖޭގައި މަނާކުރަން ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތަފްސީލް - ތަފްސީލަށް ވަޑައިގަންނަވަމުން އުޝާމް ވިދާޅުވީ ވޭޕް މަނާކުރަން އިސްލާހު ހުށަހަޅުއްވާނީ ދެ ގާނޫނަކަށް ކަމަށެވެ. އެއީ:
-
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު
-
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު
އެ ގާނޫނުތަކަށް ހުށަހަޅުއްވާ ސީދާ އިސްލާހުތަކުގެ ތަފްސީލަށް އޭޖީ ވަޑައެއް ނުގަންނަވަ އެވެ.
"އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،" އުޝާމް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އެނގުން މުހިންމު - ރައީސް މުއިއްޒު މިއަދު އިއުލާން ކުރެއްވި ގޮތުގައި:
-
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރާނެ
-
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރާނެ
ކޮމެންޓް (1)
ވިނާސް