ޔޫއެންޑީޕީގެ ވަފުދުން ރާއްޖެއަށް ކުރި ތިން ދުވަހުގެ ދަތުރު. (ފޮޓޯ/ޔޫއެންޑީޕީ)

ޔޫއެންޑީޕީ

ރާއްޖެ ވަރަށް ކުރިއަށް ޖެހިލިޔަސް މިއީ އދ.އަށް ފާހަގަވާ ބޮޑެތި މައްސަލަތައް

ޑިމޮކްރެޓިކް ގަވަނެންސް، ތިމާވެށި ހިމާޔަތްކުރުން އަދި އިންސާނީ ތަރައްގީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުން ފެންނަ ދަރަނީގެ މައްސަލަ އާއި ކޭޝްފްލޯގެ ދަތިކަމާއި މޫސުމީ ކާރިސާތަކުގެ ގޮންޖެހުންތައް ރާއްޖެއަށް ވެސް ބޮޑު ކަމަށް އދ.އިން ވަނީ ފާހަގަކޮށްފައި
14 އޮކްޓޯބަރު 2024

ޑިމޮކްރެޓިކް ވެރިކަމެއްގައި ބައެއް ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކާ އެކު ރާއްޖެ ވަރަށް ކުރިއަށް ދަތުރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު ކަންނީ ވިގްނަރާޖާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވިގްނަރާޖާ ހިމެނިވަޑައިގަންނަވާ ގޮތަށް ޔޫއެންޑީޕީގެ ވަފުދުން ކުރި ތިން ދުވަހުގެ ދަތުރުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ މުހިންމު ބައްދަލުވުންތަކެއް ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުންތަކުގެ އަމާޒަކީ ޔޫއެންޑީޕީއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން މިހާރަށްވުރެ ހަރުދަނާކޮށް، އެކި ކަންކަމުގައި ރާއްޖެއަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރަން ގުޅިގެން މަސައްކަތް ކުރުމެވެ.

ބުނީ ކީކޭ؟ - "ޑިމޮކްރެޓިކް ގަވަނެންސް، ތިމާވެށި ހިމާޔަތްކުރުން އަދި އިންސާނީ ތަރައްގީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރާއްޖެ ވަރަށް ކުރިއަށް ދަތުރުކޮށްފި،" ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާ ވިގްނަރާޖާ ވިދާޅުވި އެވެ.

"ނަމަވެސް ދަރަނި، ކޭޝްފްލޯގެ ދަތިކަން، ދަރަނި ނަގަން ހިނގާ ބޮޑު ހަރަދު، ހަމަހަމަކަން ގެއްލުން އަދި ބޮޑުވަމުންދާ މޫސުމީ ކާރިސާގެ މައްސަލަ ފަދަ، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުން ފެންނަ މައްސަލަތައް ރާއްޖެއަށް ވެސް ވަނީ ކުރިމަތިވެފައި."

ޔޫއެންޑީޕީގެ ވަފުދުން ރާއްޖެއަށް ކުރި ތިން ދުވަހުގެ ދަތުރު ވިގްނަރާޖާ. (ފޮޓޯ/ޔޫއެންޑީޕީ)

ތަފްސީލު - ޔޫއެންޑީޕީގެ ދަތުރުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި ބައެއް ކަންކަން ވަނީ އިފްތިތާހުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް އެއް ތަނުން އަނެއް ތަނަށް އުފުލާ، އިރުގެ ހަކަތައިން އޮޕަރޭޓު ކުރާ 'އެގްރިބޯޓު' އިފްތިތާހުކުރުން

  • ފުވައްމުލަކުގައި 'މޯލްޑިވްސް ރެސީލިއެންޓް ރީފް އީކޯސިސްޓަމް އެންޑް އިކޮނޮމީ ފޮ ދަ ފިއުޗާ (މޯލްޑިވްސް އާރުއާރުއީއީއެފް) މަޝްރޫއު އިފްތިތާހުކުރުން؛ މިއީ ގްލޯބަލް ފަންޑް ފޮ ކޮރަލް ރީފްސްއިން ފަންޑުކޮށް، އެންވަޔަރަމަންޓް މިނިސްޓްރީ އާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާ މަޝްރޫއެއް

މޯލްޑިވްސް އާރުއާރުއީއީއެފް މަޝްރޫއާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުން. (ފޮޓޯ/ޔޫއެންޑީޕީ)

ޔޫއެންޑީޕީގެ ވަފުދުން ކުރި ދަތުރުގެ ފަހު ދުވަހުގައި ރައީސް މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރައްވައި ޔޫއެންޑީޕީ އާއި ރާއްޖޭގެ ގުޅުމަށް 45 އަހަރު ފުރުން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޔޫއެންޑީޕީ މޯލްޑިވްސް އައިލެންޑް ލައިފް މަޖައްލާގެ ހާއްސަ އަދަދެއް ވެސް ވަނީ ނެރެފަ އެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް ހުރި ގޮންޖެހުންތައް ގިނަ ނަމަވެސް، ޔޫއެންޑީޕީގެ އެހީއާ އެކު ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް