އައްޑޫގެ ހަދާ ނިމިފައިވާ ބައެއް މަގުތަކުގައި އަޅާފައިވާ ފެން ހޮޅިތައް ފަޅައިގެންގޮސް ފެން ލީކުވާތީ މީގެ ކުރިން ބައެއް މަގުތައް ކޮންނަނީ
އައްޑޫގައި ފަހުން ހެދި މަގުތައް ވެސް އަލުން ކޮންނަން ޖެހިއްޖެ
ފެން ހޮޅިތައް ފަޅައިގެން ގޮސް، ފެން ލީކުވާތީ ދާދި ފަހުން އައްޑޫގައި ތާރުއަޅައި ނިންމާފައިވާ ބައެއް މަގުތައް އަލުން ކޮންނަން ޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެ ގައުމުގެ 'އެފްކޮންސް' ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގެ މަގުތައް ހެދުމަށް ހިންގާ އެ މަޝްރޫއު އެ ކުންފުނިން ފެށީ 2022ވަނަ އަހަރުގެ މާޗު މަސްތެރެ އެވެ.
އެގޮތުން އެ މަޝްރޫއުއަކީ:
-
1.1 ބިލިއަން ރުފިޔާގެ މަޝްރޫއެއް
-
މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް
-
މިއީ އެގްޒިމް ބޭންކުން ދޭ 800 މިލިއަން ޑޮލަރު (12.4 މިލިއަން ޑޮލަރު)ގެ ލޯނުގެ ދަށުން ހިންގާ މަޝްރޫއެއް
ބުނީ ކީކޭ؟ - މި މަޝްރޫއުގެ ދަށުން އައްޑޫގެ މަގު ހެދުމުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، މިފަހުން ތާރުއަަޅައި ނިންމާފައިވާ ބައެއް މަގުތައް އަލުން ކޮންނަމުންދާތީ އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ މޭޔަރު އަލީ ނިޒާެރު މިއަދު 'ދައުރު' އަށް ވިދާޅުވީ، ތާރުއަޅައި ނިންމާފައިވާ ބައެއް މަގުތައް އަލުން ކޮންނަން ޖެހުނީ އެ މަގުތަކުގެ ދަށުގައި ވަޅުލާފައިވާ ބައެއް ފެންހޮޅިތައް ފަޅައިގެންގޮސް ލީކުވަމުންދާތީ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ:
-
އަލަށް ތާރުއަަޅާފައިވާ ހިތަދޫގެ ފަސް ވަރަކަށް ސަރަހައްދުގެ މަގުތައް ކޮންނަމުން އެބަދޭ
-
ފެން ހޮޅިތައް ފަަޅައިގެންގޮސް ފެން ލީކުވަމުންދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރިއިރު ހޮޅިތައް ވަޅުލުމުގައި ފަރުވާ ކުޑަކޮށްލާފައިވާތީ
ފާހަގަކޮށްލެވޭ ކަމެއް - ގިނަ މަގުތަކެއް ހަދާ ނިމިފައިވަނިކޮށް މިދިޔަ ޖުލައި މަސްތެރޭ ވެސް ބައެއް މަގުތައް ވަނީ ކޮނެފަ އެވެ. އެފަހަރު ވެސް މަގުތައް ކޮންނަން ޖެހުނީ ފެން ހޮޅިތައް ފަޅައިގެން ގޮސްގެންނެވެ.
އޭރު ނިޒާރު ވިދާޅުވިގޮތުގައި:
-
ހިތަދޫގެ ބޮޑުމަގުގައި އަޅާފައިވާ ފެންހޮޅި 1000 ވުރެ ގިނަ ފަހަރު ފަޅައިގެންގޮސް މަރާމާތު ކޮއްފައިވޭ؛ އެއިން ކޮންމެ ފަހަރަކު ހޮޅި ބަދަލުނުކޮށް ތާރުނާޅަން އިލްތިމާސް ކޮށްފައިވޭ
-
އެކަމަކު އެ މައްސަލަ ތަކުރާރުވަމުންދާއިރު ވެސް، ހޮޅި ބަދަލުނުކޮށް ތާރުއަޅައި މަގުނިންމުމުން ފެން ހޮޅިތައް ފަޅައިގެންގޮސް މަގުތަކަށް ފެން ލީކުވުން ނުހުއްޓުވޭ
ދައުލަތުން ބޮޑު ހޭދައެއް ކޮށް މަގުތައް ހަދާނިމި ހަވާލުނުވެވެނީސް ތާރުކަޑައި ކޮންނަން ފެށުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ދައުލަތުން ކުރާހޭދަ އެގޮތަށް އިސްރާފުކުރުމަކީ ކޮއްގެން ވާނެ ކަމެއްނޫން ކަމަށް ވިދާޅުވެ ނިޒާރު އޭރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެނގުން މުހިންމު - އައްޑޫގެ މަގު ހެދުމުގެ މަސައްކަތް އެފްކޯންސްއާ ހަވާލުކޮށްފައި އޮތީ:
-
103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރަން
-
އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް 40 ކިލޯމީޓަރުގައި ތާރު އަޅަން
-
އިތުރު 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔާ އަޅަން
-
މީގެ ކުރިން ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ކުރަން