ވިއްސާރަ ދުވަހެއްގައި އެއް ނަމްބަރު ޖެޓީ ކައިރިން، ބަޔަކު ލޯންޗަށް އެރުމަށް އެ ސަރަހައްދުގައި މަޑުކޮށްލައިގެން

މޫސުން

މިއީ ހުޅަނގު ނިމެންކުރާ ވިއްސާރަ؛ ކުރިއަށް އޮތް ދެ ދުވަސް ވެސް ގަދަވާނެ

ދެ ދުވަސްފަހުން މިވަގުތަށް މޫސުން އަލިވާނެ ކަމަށް މެޓުން ލަފާ ކުރޭ
10 އޮކްޓޯބަރު 2024

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުން ނިމޭ ދުވަސްވަރު އާއްމުކޮށް ކުރާ ވިއްސާރަ ކަމަށާއި އެހެންވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓު)ން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- މި ހަފުތާ ފެށުނީއްސުރެ މޫސުން އުޅެނީ ގޯސްކޮށެވެ. ވިއްސާރައަށްވުރެ ބޮޑަށް ވައި ގަދަވެފައި ކަނޑުތައް ގަދަ އެވެ. އިއްޔެއިން ފެށިގެން ބައެއް ހިސާބުތަކަށް މެދުނުކެނޑި އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓު އޮފީހުން ބުނިގޮތުގައި ހުޅަނގު މޫސުން ދެމި އޮންނާނީ ނޮވެމްބަރާ ހަމައަށެވެ. މި ދުވަސްތަކުގައި އާއްމުގޮތެއްގައި ތޫފާންތައް އުޅޭތީ، ނޮވެމްބަރާ ހަމައަށް އެކި ދުވަސްމަތިން ވިއްސާރަ ކުރާނެ އެވެ. އެކަމަކު މިހާރު ކުރާ ވިއްސާރަ ދެ ދުވަސް ފަހުން އަލިވާނެ ކަމަށް ބެލެވޭ ކަމަށް އެތަނުން ބުންޏެވެ.

"ހޮނިހިރާ ހަމައަށް ވަރަށް ވައިގަދަވާނެ. އޭގެ ފަހުން މި ވަގުތަށް އަލިވާނެ ކަމަށް މި ބެލެވެނީ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މެދު އުތުރާއި މެދު ރާއްޖެ ތެރެއަށް ގަދައަށް ވައިޖެހި ކަނޑުގަދަ ވެފައި ވެ އެވެ. އެގޮތުން:

  • ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮތީ ޔެލޯ އެލާޓް ނެރެފައި

  • ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭ

  • ކަނޑުތައް ވަރަށް ގަދަވާނެ

  • ދެކުނުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވެ އޮތީ ވައިޓް އެލާޓް ނެރެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް