އެއްލައިދޫ ރިސޯޓުގައި ކައްކާއަކު މަރާލުމުގެ ދައުވާ އުފުލާފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ ޝަރީއަތުގެ މަޖިލީހުގައި (ވީޑިއޯ ސްކްރީންޝޮޓް)
އެއްލައިދޫ ރިސޯޓްގެ ކައްކާ މަރާލުން: ލަންކާ ހެކިން ހާޒިރުކުރުމުގެ މަސައްކަތް ކޯޓުން ހުއްޓާލައިފި
ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހިމެނޭ އެންމެ މުހިންމު ހެކިން ހާޒިރުކުރުމުގެ މަސައްކަތް ހުއްޓާލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މި ހާދިސާ ހިނގީ މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން 10 ޖެނުއަރީ 2019ގަ އެވެ. އެ ގޮތުން:
-
އެ މައްސަލާގައި ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42،ގެ މައްޗަށް
-
އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24
ވީ ކިހިނެއް؟ - މީގެ ކުރިން ކޯޓުގެ އިދާރީ އެކި ސަބަބުތަކާ ގުޅިގެން ލަސްވެފައިވާ މި މައްސަލައިގެ ޝަރީއަތް އާ ގާޒީއަކު ފެށިއިރު މައްސަލާގައި ހިމެނޭ މުހިންމު ގިނަ ހެކިން ތިބީ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފަ އެވެ. ލަންކާއަށް ނިސްބަތްވާ އެ ހެކިން ހޯދުމަށް އިންޓަޕޯލްގައި ފުލުހުން މެދުވެރިކޮށް ވަނީ އެދިފަ އެވެ.
ހެކިބަސް ނުނެގި އުޅޭ ހެކިވެރިންނަކީ:
-
އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ލަންކާގެ ހަ މީހެއް
-
އެއްލައިދޫ ރިސޯޓުގައި އެއިރު މަސައްކަތްކުރި އަދި މައްސަލައިގެ ތަހުގީގަށް މެޑިކަލް އެގްޒަމިން ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރު
ކީކޭ ބުނީ؟ - މިއަދު ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ގާޒީ އިބްރާހީމް އިހުސާން ވިދާޅުވީ އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ސާފުކުރުމަށް ދައުލަތުން ގިނަ މަސައްކަތްތަކެއް ކުރި ކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް މައްސަލަ އިތުރަށް ދިގުދަންމައިލެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބި ތަނެއް ވެސް ނޭނގޭ. ހާޒިރުކުރުމުގެ އުންމީދެއް ނުފެންނަ ތިބި ތަން އެނގޭނެ ކަމުގެ އުންމީދު ވެސް ކުޑަ، ހެކިންތަކެއް ހާޒިރުކުރުމަށް ވަގުތުތަކެއް ދުއްވާލަން. ބަންދުގައި ހުކުމެއް ނެތި މީހަކު ހުރުމަކީ ޝަރީއަތުން ބޭނުންވާ ގޮތެއް ނޫން. އެހެންވެއެ ހެކިން ހާޒިރުކުރުމަށް އިތުރަށް މި ކޯޓުން އެއްވެސް މަސައްކަތެއް ނުކުރާނަން،" ގާޒީ ވިދާޅުވި އެވެ.
އަޑުއެހުމުގެ ހުލާސާ - އެއްލައިދޫ ރިސޯޓުގައި މަސައްކަތްކުރި ޑޮކްޓަރުގެ ބަދަލުގައި މި ވަގުތު އދ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ ހެކިބަސް، ހަބީރެއްގެ ރައުޔައެއްގެ ގޮތުގައި ވަނީ ނަގައިފަ އެވެ. އަދި ހާދިސާ ހިނގި ތަނުގައި ތިބި ލަންކާ ހެކިންގެ ބަޔާން ނެގި ފުލުސް އޮފިސަރުގެ ހެކިބަސް ވެސް މިއަދު ނެގި އެވެ.
މައްސަލައިގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ހާޒިރުކުރެވެން ހުރި ހެކިންގެ ހެކިބަސް ނަގައި ނިމުމުން އެ މަރުހަލާ ނިންމުމަށް ޝަރީއަތުން ގަސްތުކުރާ ކަމަށެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ހެކިބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީގެ އަމާޒަކީ މި އަހަރު ޝަރީއަތް ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ