ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގެ ތެރޭން. (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ޗާގޯސް ޖަޒީރާ

ޗާގޯސް މައްސަލައިގައި ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާތީ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލާފައިވާ ކަމަށް އެ ޕާޓީން ބުނި
6 އޮކްޓޯބަރު 2024

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ނިމިދިޔަ ސަރުކާރުން ބަދަލުކުރި ކުރުމުން ރާއްޖެއަށާއި ދިވެހީންނަށް ލިބުނު ގެއްލުމާ މެދު މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ދަ ޑިމޮކްރެޓްސް އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ރޭ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

ޗާގޯސް ރަށްތައް މޮރިޝަސްއާ އަނބުރާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ނިންމައިފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިޔަސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް ތަނުގައި ވެސް ހިންގަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި ޑިމޮކްރެޓްސް އިން ބުނެފައިވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭގެ އިތުުރުން:

  • އެ މައްސަލައިގައި އދ.ގައި ރާއްޖޭން ވޯޓު ދިން ގޮތާ މެދު މީގެ ކުރިން ވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވާނެ

  • މި ސަރުކާރުން އެ ނިންމުން އަލުން މުރާޖާކުރާނެ ކަމަށާއި އެ ރަށްތަކުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯދާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެފައިވޭ

  • އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރަން ނިންމާފައި ވާއިރު، އެ ހައްގު ރާއްޖެއިން ދޫކޮށްލުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ލިބިގެންދާ ގެއްލުމެއް ކަމަށް އެ ޕާޓީން ދެކޭ

ފާހަގަކޮށްލެވޭ - ޗާގޯސްއާ މެދު ރާއްޖޭގެ ދައުވާކުރުންތަކެއް ހުއްޓާ އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމެެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް)އިން ވަނީ ހުކުމްކޮށްފަ އެވެ.

އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.  

އޭރު ވެސް ނަޝީދާއި އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް