ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ޒުވާނުންގެ އަހުލާގީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭ: ރައީސް
މިއަދުގެ ޒުވާން ޖީލުގެ ވިސްނުންތަކާއި ތަޖުރިބާތައް އޭގެ ކުރީގެ ޖީލުތަކާ ބަލާއިރު އިންތިހާއަށް ތަފާތު ކަމަށާއި ޒުވާނުންގެ އަހުލާގީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދުގެ ޒުވާން ޖީލަކީ "ޖެން-ޒީ"ން ކަމަށާއި އެ މީހުންގެ ވިސްނުމާއި ފިކުރު ވެސް އެހެން ޖީލުތަކާ ތަފާތު ކަމަށެވެ.
ތަފްސީލު - މިއަދުގެ ޒުވާން ޖީލަކީ ޓެކްނޮލަޖީއާ އެކު ބޮޑުވި ޖީލެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދުނިޔެއަށް އަލަށް އައި ޓެކްނޮލޮޖީ އާއި ކުރިއެރުންތައް އިންސާނީ މުޖުތަމައުގެ އަހުލާގަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި އިސްތިއުމާރީ ހަރަކާތްތަކުގެ ދައުރު ވެސް ކުޑައެއް ނޫން. އަދި ދުނިޔޭގައި ހިނގާ ސިޔާސީ، އިގުތިސޯދީ އެކި އޮއިވަރުތަކުގެ ރޯލު ވެސް ކުޑައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"ޖެން-ޒީ އަކީ ތައުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަން އިންތިހާއަށް ބޭނުންވާ ޖީލެއް. ލުއި، އަވަސް ގޮތްތައް ފަހިވި ޖީލު."
ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާއިރު އެފަދަ ކަންތަކަށް ވިސްނަން ޖެހޭ ކަމަށާއި މިއަދުގެ ޒުވާނުން ގައުމާއި މުޖުތަމައުގައި ބާރުވެރިކުރުމަށްޓަކާ އެ މީހުންގެ ވިސްނުމާ ގުޅޭހެން އިސްލާމްދީނާއި ދިވެހިންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ މީހުން ހަދަން ޖެހޭ ކަމަށެވެ.
"ދިވެހިންގެ ތާރީހާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް ހަގީގަތްތައް، އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެން ޖެހޭ. އިސްލާމީ ޝަހުސިއްޔަތާއި ދިވެހި ގައުމިއްޔަތަކީ އެ ޒުވާނުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭ. ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ތިމަންނާއަކީ ވެސް މި ގައުމާ އެއްކޮޅަށް ބަސްބުނާން މި ގައުމުގެ ތަރައްގީއަށްޓަކައި ދާ އޮހޮރުވާން ހުރި ޒުވާނެއްކަން ހިތުގެ އަޑިން ގަބޫލުކޮށް ކަމަރު ބަންނަ ޒުވާނަކަށް ހެދުމުގެ ގައުމީ، ދީނީ މަސައްކަތް ކުރަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އަދުގެ ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ. ހާއްސަކޮށް، އަހުލާގީ، ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ:
-
ގައުމަކަށް ރޫހާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރި ކަމެއް
-
އޭރުން އެ ބައެއްގެ ޒަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް ނޯންނާނެ؛ އެ ބަޔަކަށް އަމާޒު ދައްކައިދޭ އާރުކާޓީއަކަށް އޭރުން ވާނީ ޝައިތޯނާ ނުވަތަ އިންސާނާގެ ހަވާ ނަފުސު
-
މިއަދު ދިވެހި މުސްލިމު މުޖުތަމައަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ މި ގައުމުން ރޫހާނީ ހުސްކަން ނައްތާލުން
"ދިވެހި ކޮންމެ ދަރިޔެއްގެ ރޫހާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަ ޖެހޭ. އީމާނާއި ބުއްދި އާއި އަމަލު އެއްފަސްކުރަން އެބަ ޖެހޭ. މި ކަމަށްޓަކައި މާތް ވެގެންވާ އިސްލާމްދީން، އޭގެ ހަގީގީ މާނާގައި އުނގަންނައިދީ، މި މާތް ދީން ފޮނުއްވުނު މަތިވެރި މަގުސަދާ އެއްގޮތަށް އެ ކަންކަން ދަސްކޮށްދޭން ޖެހޭ. އަމަލީ ގޮތުން ހާނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.