ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ފަތުރާ ދޮގު ހަބަރުތަކުން މުޅި ދައުލަތަށް ވެސް ގެއްލުންވެފައި އެބަހުރި: ރައީސް
ކީރިތި ގުރުއާން ދައްކައިދެނީ ހައްގުގެ މަގު ކަމަށާއި އެ ފޮތުން ކޮންމެ ކަމެއްގައި ވެސް އޮންނަ އެންމެ ހެޔޮ ގޮތް ފެންނަން އޮންނައިރު، ދޮގާއި މަކަރާއި ހީލަތުން ކަންތައް ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި އެފަދަ ވާހަކަ ތަކުގެ ސަބަބުން މުޅި ދައުލަތަށް ވެސް ގެއްލުން ވެފައި އެބަހުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެން ދާއިރު، ދިވެހި މުޖުތަމައުގެ މިއަދުގެ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
ހަގީގީ މުސްލިމުންގެ ސިފަތައް އިއާދަކޮށް އަލުން ތަރުތީބު ވާން ޖެހޭ ހާލަތަށް ރާއްޖެ ގޮސްފައި ނުވޭތޯ ސުވާލު ކުރައްވައި ރައީސް ވިދާޅުވީ މުސްލިމުންގެ ސިފަތައް މާތްﷲ ބަޔާންކޮށްދެއްވާފައި ވާއިރު، މިއަދު ދިވެހި މުޖުތަމައަކީ މި ސިފަތައް ތަސްވީރުވާ މުޖުތަމައެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
ތަފްސީލް - ކޮންމެ މީހަކު ވެސް އެންމެ ކުޑައިރުން ފެށިގެން އެންމެ ފުރަތަމަ އުނގެނެނީ ގުރުއާން ކަމަށާއި ގުރުއާނުގައި އެންމެންނަށް ވެސް ހައްގުގެ މަގު ދައްކައި ދޭއިރު، މީހުންގެ ހައްގުތަކަށް އަރައިގަނެ، މުޖުތަމައުގައި ފަސާދަ އުފެދޭ ކަންތައް ކުރަނީ ކީއްވެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
"... ދެން ކީއްވެތޯ މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުން ދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުން ދަނީ؟ ކީއްވެތޯ ކުޑަކުދިންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތަނީ؟ ކީއްވެތޯ އަމިއްލަ ބުއްދި ފިލާދާވަރުގެ އަމަލުވުންތަކާއި އަމިއްލަ ގައުމު ހަލާކުވާ ފަދަ ބަދުއަހުލާގީ އަމަލުތައް އާންމުވެގެން ދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންވެގެން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ގައުމުގެ ފޭރާން އަޅިއަށް ހަދާލާއިރު އެއީ މިނިވަންކަމުގެ ހައްގު ކަމަށް ހީކުރެވެނީ؟،" ރައީސް ވިދާޅުވި އެވެ.
މިއީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައް ކަމަށާއި އެއީ ދީނާ ހިލާފު ކަންތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ ސަބަބުން އާއިލާތައް ހަލާކުވެ އެތައް ބަޔަކު ވޭނާއި ކެކުޅުމުގައި އުޅެން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަށް ބަލައިލި ނަމަވެސް އަދުގެ ދިވެހި މުޖުތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާޑަ ފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ،" ރައީސް ވިދާޅުވި އެވެ.
އެފަދަ މީހުން ތިބީ ލިބޭ ދުނިޔެވީ މަންފާއަކަށް ކަމަށާއި ދަށު ދަރަޖައިގެ އެފަދަ އަމަލުތައް ހިންގާއިރު އެއީ ކިހާ ވަރެއްގެ ނުބައި ކަމެއްކަން ނުވިސްނެނީތޯ ރައީސް ސުވާލު ކުރެއްވި އެވެ.
"ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއްގެ ދީނީ، އަހުލާގީ، އިޖުތިމާއީ މިންގަނޑުތައް ފުނޑުފުނޑުކޮށް ފަނާކޮށްލަން ބައިވެރިވުމާއި އެ ކަންކަމުން ނުކުންނާނެ ނުބައި ނަތީޖާ އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ގައުމުގެ އަހުލާގީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހުމާލެއްތޯ؟ ކޮންފަދަ ބޮޑު ހިޔާނާތެއްތޯ؟،" ރައީސް ވިދާޅުވި އެވެ.
"ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރައިގެ ސަބަބުން މާޔޫސްވީ ކިތައް ހިދުމަތްތެރިންތޯ؟ ދެބައޮޑުވުމާއި ނެތި ނުބައިކިޔުމުގެ ސަބަބުން ނޭނގި ކުދިކުދިވީ ކިތައް އެކުވެރި ރަހުމަތްތެރިކަންތޯ؟"
ރައީސް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން އުފެދޭ ވޭނާއި ކެކުޅުން އެތައް ޒަމާނަކަށް އަދި އެތައް ޖީލަކަށް ދެމިގެންދާ ކަމަށެވެ.
"ބައެއް ފަހަރު ފަތުރާލަ ދޮގު ހަބަރުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް (2)
ހިރިގާ
ޖާދޫ