26 ޖުލައި 2021ގައި އެމްއެންޕީ އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން ނަޝީދު ވާހަކަ ދައްކަވަނީ: ނަޝީދާއި މުހުސިން ވަނީ އެމްއެންޕީއާ ނުގުޅެން ނިންމާފައި.

އެމްއެންޕީ

މެމްބަރު ނަޝީދާއި މެމްބަރު މުހްސިން، އެމްއެންޕީއާ ނުގުޅެން ނިންމަވައިފި

މާދަމާ ރަޖިސްޓްރީ ކުރަން ހުށަހަޅާ އެމްއެންޕީއާ އެ ދެ މެމްބަރުން ނުގުޅޭނެ ކަން އިއުލާން ކުރެއްވީ މިރޭ ދިވެހި ޗެނެލްގައި

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހަންމަދު ނާޒިމު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު މުހްސިން އަބްދުލް ހަމީދު (ޖޭފޯ) ގުޅިވަޑައި ނުގަތުމަށް ނިންމަވައިފި އެވެ.

ތަފްސީލު - އެމްއެންޕީ ލޯންޗުކުރުމަށް މިިދިޔަ ޖުލައި 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވިވެވަޑައިގަތް، އެ ދެ މެންބަރުން އެމްއެންޕީއާ ގުޅިވަޑައިނުގަތުމަށް ނިންމެވިކަން އިއުލާން ކުރެއްވީ މިރޭ ދިވެހި ޗެނެލްއިން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގަ އެވެ.

ބުނީ ކީކޭ؟ - މުހްސިން އާއި ނަޝީދު ވިދާޅުވީ، މިހާނަތަށް އެމްއެންޕީއަށް ސޮއިކޮށްފައި ނުވާ ކަމަށާއި ކަންތައް ވެގެން ދިޔައީ އުންމީދުކުރި ގޮތާ ހިލާފަށް ކަމަށެވެ. އެހެން ކަމުން މިވަގުތަށް އެ ޕާޓީއަށް މަސައްކަތް ނުކުރަން ނިންމި ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

"މި ވަގުތަށް ރަސްމީކޮށް އެމްއެންޕީއާ އެކު މަސައްކަތް ކުރުން ރަސްމީ ގޮަތުން ހުއްޓާލީ. ކުރިއަށް އޮތްތާގައި ނުދާނެ ވާހަކައެއް ނޫން. އެކަމަކު މިވަގުތަށް ރަސްމީކޮށް އެމްއެންޕީއާ އެކު މަސައްކަތް ކުރުން ރަސްމީކޮށް ހުއްޓާލީ،"އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް މުހުސިން ވިދާޅުވި އެވެ.

އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ނަޝީދު ވެސް ވިދާޅުވީ، މިދިޔަ ޖުލައި19އާ ހަމައަށް އޭނާ ހުންނެވީ އިދިކޮޅު ޕީއެންސީގައި ކަމަށެވެ. އަދި ޕީއެންސީން ވަކިވީ އެމްއެންޕީ އުފެއްދުމަށް ކަމަށާއި ނަމަވެސް އޭނާ ވެސް މިވަގުތަށް އެމްއެންޕީއާ ގުޅެން ބޭނުން ނުވާ ކަމަށެވެ.

"މިހާރު ސިޔާސީ މަސްރަހުގައި މި ހިނގާ ކަންތަކަށް ބަލާއިރު، [އެމްއެންޕީއާއެކު] ކުރިއަށްދާން އެންމެ ރަނގަޅު ޕްލެޓްފޯމްތޯ މި ވިސްނަނީ. ސިޔާސީ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވާތަން މި ފެންނަނީ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް 5،000 މީހުންގެ ފޯމާ އެކު އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް