ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

މަޖިލިސް ގަވައިދު ފާސްކޮށްފައި އޮތީ 1 އަހަރު ފަހުން މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް

އެ ކޮމިޓީގެ ނައިބު މުގައްރިރު ސައްތާރު ވިދާޅުވި ގޮތުގައި ފަހުން ތަޅުމަށް ގަވައިދު ފޮނުވާފައިވަނީ އެއް އަހަރު ތެރޭ މާލީ ބަޔާން ހުށަަހަޅަން ޖެހޭ ގޮތަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވާރާ ތިން މަސް ތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އާންމު ކޮމިޓީން ފާސްކުރުމަށް ފަހު، ފަހުން ތަޅުމުން ގަވައިދު ފާސްކޮށްފައި ވަނީ އެއް އަހަރު ތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށްކަން ހާމަވެއްޖެ އެވެ.

ކަމުގެ ފެށުން - މީގެ ކުރިން އަމަލު ކުރަމުން އައި 18 ވަނަ މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން އަލަށް ހުވާ ކުރައްވާ މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ އޭނާ މަގާމަށް ވަޑައިގަންނަވާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. އެގޮތުން:

  • މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން އަދި ދަރިން ހިމެނޭ ގޮތަށް އެ މެންބަރެއްގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހެނީ، މަގާމުގެ ހުވާ ކުރައްވާ ތާރީހުން ފެށިގެން އެއް އަހަރުދުުވަސް ހަމަވުމުން؛ ހުށަހަޅުއްވަން ޖެހެނީ ކޮންމެ އަހަރެއްގެ 31 އޮގަސްޓުގެ ކުރިން

  • އެހެން އޮތުމުން، މެންބަރުކަމަށް ވަޑައިގަންނަވާ އިރު އެ މީހެއްގެ މިލްކިއްޔާތުގައި އޮންނަ އެއްޗެއް ނޭނގެ

  • މެމްބަރުންގެ މުއްސަނދިކަން ކަށަވަރުކޮށް، އެއީ ކިހިނެއް ހޯދި މުއްސަނދިކަމެއްކަން ބަލަން ދަތިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ގަވައިދު އިސްލާހު ކުރުމަށް އޭރު ޖަމިއްޔާތަކާއި އާންމުން ވެސް ގޮވާލާފައިވޭ

  • އެއާ އެކު، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އޭރު ވިދާޅުވީ، އާންމު ކޮމިޓީން މަޖިލިސް ގަވައިދު އިސްލާހުކޮށް ނިމޭއިރު، މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް

ވީ ކިހިނެއް؟ - މިދިޔަ މެއި މަހު ފަހުކޮޅުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތަށް މިހާރު އަމަލު ކުރަމުން އަންނަ 20 ވަނަ މަޖިލީހުގެ ގަވައިދު އެކުލަވާލި އާންމު ކޮމިޓީން އެ މަސައްކަތް ކުރަމުންދަނިކޮށް، މާލީ ބަޔާން ހުށަހަޅަން އޮންނަ މާއްދާއަށް އިސްލާހު ހުށަހެޅުމަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި އެވެ. އެއީ:

  • އަލަށް ހުވާ ކުރައްވާ މެންބަރަކު އޭނާ ހުވާ ކުރައްވާ ދުވަހުން ފެށިގެން 90 ދުވަސް ނުވަތަ ތިން މަސް ތެރޭ އެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާގެ މާލީ ބަޔާން (އަނބިކަނބަލުން ނުވަތަ ފިރިކަލުން އަދި ދަރިން ހިމެނޭ ގޮތަށް) އަމީންއާންމަށް ހުށަހެޅުމަށް 

  • އޭގެ ފަހުން ކޮންމެ އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހެދުމަށް

މިދިޔަ 18 ޖުލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފިލްޒާ ދެއްވާފައިވާ ލަފައާ އެއްގޮތަށް އިސްލާހު ފާސް ވެސް ކުރި އެވެ.

ތަފްސީލު - ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް، މަޖިލިސް ވެބްސައިޓުގައި މިހާރު ފެންނަން އޮތް 20 ވަނަ މަޖިލީހުގެ ގަވައިދުގައި އެ އިސްލާހެއް ނެތެވެ. އެ ގަވައިދުގައި މާލީ ބަޔާން ހުށަހަޅަން އޮތީ ކުރިން 19 ވަނަ މަޖިލީހުގެ ގަވައިދުގައި ވެސް އޮތް ގޮތަށް އެއް އަހަރު ފަހުންނެވެ.

މިކަމާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދުއާ 'ދައުރު'ން މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ފަހުން އެ ކޮމިޓީން ނިންމާފައި އޮތީ 19 ވަނަ މަޖިލީހުގެ ގަވައިދުގައި ވެސް އޮތް ގޮތަށް އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ކަމަށެވެ. އަދި ތަޅުމަށް ގަވައިދު ފާސް ކުރުމަށް ފޮނުވީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"[ތިން މަސް ތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް] ފާސްކޮށްފައި އޮތަސް ފަހުން އަނެއްކާވެސް ބަދަލުކޮށްފައި އޮންނަނީ،" ގަވައިދުގެ މަސައްކަތް ކުރިއިރު ގިނަ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއްސަައްތާރު ވިދާޅުވި އެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލި އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ސައްތާރު ބަލަހައްޓަވަނީ (ފޮޓޯ/ މަޖިލިސް)

އެގޮތަށް އެކަން ކުރީ ކީއްވެގެންތޯ އެހެމުން އޭނާ ވިދާޅުވީ، އެއީ ބަދަލު ކުރެވޭނެ ކަމެއް ކަމަށާއި ކޮމިޓީއަށް އޮންނަ މެންޑޭޓެއް ކަމަށެވެ.

"މެންބަރުން އޭގައި ދެއްކެވި ހުރިހާ ވާހަކައެއް އަޅުގަނޑު ހަނދާނެއް ނެތް. ވަރަށް ގިނަ ގޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ބަދަލު ކުރީ. އޭގައި މައިގަނޑު އެއްޗަކަށްވީ [ސަބަބަކަށްވީ] 18 ވަނަ މަޖިލީހުގައި ވެސް، 19 ވަނަ މަޖިލީހުގައި ވެސް މިގޮތަށޭ މިކަން އައީ. އެއީ މެންބަރުންގެ ރޫހު ހުރި ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

22 ސެޕްޓެމްބަރު 2024
1 އަހަރު ވާން ކައިރިވީމާ ގަވާއިދު އިސްލާހުކޮށްލާތި، "މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭނީ މާދަމާ" ކަމަށް. އޭރަށް މާދަމާ ނާންނާތީ ބަޔާން ހުށަހަޅަން ނުޖެހޭނެއެއްނު؟ ކޮމިޓީއަށް އޮންނަ މެންޑޭޓުގެ ދަށުން މިވެސް ކުރެވޭނެ ކަމެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް