ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
ހުވާ ކުުރާތާ 3 މަސް ތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު އިސްލާހު ކުރަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރުމާއެކު ތިން މަސް ތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް އެ މަސައްކަތް ކުރަމުންދާ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. އެ ނިންމުމަށް އަމަލު ކުރާނީ މި އިސްލާހުތަކާ އެކު ގަވައިދު ތަޅުމުން ފާސް ކުުރުމުންނެވެ.
އެނގުން މުހިންމު - މިހާރު އަމަލު ކުރަމުން އަންނަ ނިމިދިޔަ 19 ވަނަ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން:
-
މެންބަރުންގެ އަބިންނާއި ފިރިން އަދި ދަރިން ހިމެނޭ ގޮތަށް މެންބަރުގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހެނީ، މަގާމުގެ ހުވާ ކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުުވަސް ހަމަވުމުން
-
މާލީ ބަޔާން ހުށަހަޅަން އޮންނަނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހު 31 ކުރިން ކަމަށް އެ ގަވައިދުގައި ބުނެފައިވޭ
އެހެން ކަމުން މިދިޔަ މެއި މަހު ހުވާ ހުރި 20 ވަނަ މަޖިލީހުގެ މެންބަރުންގެ ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އަހަރު އޮގަސްޓު ނިމުމުގެ ކުރިންނެވެ.
މަގާމާ ހަވާލުވާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން ފުރަތަމަ މާލީ ބަޔާން ހުށަހަޅަން އޮންނާތީ، އެކަމާ ޓްރާސްޕޭރެންސީ މޯލްޑިވްސްއިން މިފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ، މިދާ މުއްދަތުގައި އެމީހުންނަށް ނުހައްގު މުއްސަނދިކަމެއް ލިބިފައިވާ ނަމަ، އެކަން ބެލުމަށް ދަތިވާނެތީ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން އޮންނަ މާއްދާއާ ގުޅޭ ގޮތުން މެންބަރުން ވަނީ މިއަދު މަޝްވަރާ ކުރައްވާފަ އެވެ.
އެ މާއްދާއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފާ އިދާރީ މޭޒުން ވަނީ އިއްވާފަ އެވެ. އެއީ:
-
އަލަށް ހުވާކުރާ މަޖިލީހުގެ މެންބަރަކު އޭނާ ހުވާކުރާ ދުވަހުން ފެށިގެން 90 ދުވަސް ނުވަތަ 3 މަސް ތެރޭ އެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާގެ މާލީ ބަޔާން (އަބިން/ފިރިން އަދި ދަރިން ހިމެނޭ ގޮތަށް) އަމީންއާންމަށް ހުށަހަޅުމަށް
-
އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހެދުމަށް
ތަފްސީލު - ފިލްޒާގެ ލަފަޔާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މަޖިލިސް މެންބަރަކު މަގާމާ ހަވާލުވާތާ އެއް އަހަރު ތެރޭ މާލީ ބަޔާން ހުށަހަޅަން އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެހެން އޮތުމުން އޮޑިޓަށް ބަލާއިރު ވާނެ ގޮތަކީ، މަޖިލީހަށް އިންތިހާބުވާއިރު އޭނަ [މެންބަރަކު] އަތުގައި ހުރި އެއްޗަކާއި އެއް އަހަރު ފަހުން އޭނަ އަތުގައި ހުރި އެއްޗަކާ ދިމަލެއް ނުވާނެ. ކައުންސެލް ޖެނެރަލް ހުށަހެޅި ގޮތަށް 90 ދުވަސް ތެރޭ ހުށަހެޅުމަކީ އެންމެ ނަޒާހަތް ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" 18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އެއާ އެކު، އޭނާ ހުށަހެޅުއްވީ ފިލްޒާ ހުށަހެޅުއްވި ލަފައާ އެއްގޮތަށް ގަވައިދުގެ އެ މާއްދާ އިސްލާހު ކުުރުމަށެވެ. އެ ހުށަހެޅުމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ތާއީދު ކުރެއްވި އެވެ.
އެ ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި މެންބަރަކީ، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. އޭނާ ވިދާޅުވީ، މަޖިލިސް މެންބަރުން ހަރަދުކޮށްފައިވާ ގޮތުގެ ބަޔާނެއް އިލެކްޝަންސް ކޮމިޝަން(އީސީ) އަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހޮވިގެން އަނެއްކާ ތިން މަސް ތެރޭ މާލީ ބަޔާން ހުށަހެޅުމަކީ، ވަކި އޭގެން އެއްޗެއް ފެންނާނެ ކަމެއް ނޫން. މިހާރު އޮތް ގޮތަށް އެއް އަހަރު ތެރޭ ހުށަހެޅުމަކީ ރަނގަޅު ގޮތް،" އަބްދުލް ހައްނާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް ބޭނުންކުރުމާ ގުޅޭގޮތުން މިއަދު މެންދުރު އާންމު ކޮމިޓީން ނިންމި ނިންމުން މުރާޖައާކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި އެ ޚިދުމަތް ލިބޭގޮތަށް… pic.twitter.com/UF2seesb9z
— People's Majlis (@mvpeoplesmajlis) July 17, 2024
ހަންނާންގެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން އެމްޑީޕީ މެންބަރު އަމީން ވިދާޅުވީ އީސީއަށް ހުށަހަޅާ ބަޔާނަކީ ހަމައެކަނި އިންތިހާބަށް ކުރި ހަރަދާ ގުޅޭ ގޮތުން ހުށަހަޅާ ބަޔާނެއް ކަމަށެވެ. އޭގައި މެންބަރުންގެ މިލްކިއްޔާތުގެ ތަފްސީލް ހިމެނުމަށް ލާޒިމް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މެންބަރުންނަށް އިނގިލި ދިއްކުރަނީ އެއް އަހަރު ތެރޭގައި ވަރަށް ބޮޑެތި މަންފާ ނަގައިގެނޭ އެ ތިބެނީ. އެކަމަކު ގިނަ ފަހަރު މެންބަރުކަމަށް އަންނަ އިރުވެސް ގިނަ ބޭފުޅުންނަކީ ވިޔަފާރި ކުރައްވާ ބޭފުޅުން. އިތުބާރު ބޮޑުވެގެން ދާނެ މަޖިލީހަށް ވަންނަ އިރު މާލީ ބަޔާން ތިން މަސް ތެރޭ ހުށަހެޅުން،" ޕީއެންސީ މެންބަރު އިބްރާހިމް ދީދީގެ ހުށަހެޅުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި އެވެ.