އައްބާސް ޝަރީފަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: ޕީޖީ ކަމަށް ގެންނަން ރައީސް ބޭނުންފުޅުވަނީ އައްބާސް (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ޕީޖީ ކަމަށް ހަ ބޭފުޅުން ކުރިމަތިލި؛ ރައީސްގެ ޗޮއިސްއަކީ އައްބާސް
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. އޭގެ ތެރެއިން އެ މަގާމަށް ގެންނަވަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވީ މިވަގުތު ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފެވެ.
ވީ ކިހިނެއް؟ - ޕީޖީގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު 27ގައި ހުޅުވާލި ފުރުސަތު މިއަދު މެންދުރު ހަމަވިއިރު ހަ ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ނަންތައް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވުމާ އެކު، އެކަމާ ގުޅިގެން މިރޭ މަޖިލިހުގެ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ.
ތަފްސީލު - ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅު ޖަލްސާގައި އަމީން އާންމު ފާތުމަތު ނިޔުޝާ ވަނީ އިއްވަވައިފަ އެވެ. އެގޮތުން:
-
ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އަބްދުﷲ އައްބާސް ޝަރީފް އައްޔަންކުރަން އެދިވަޑައިގަންނަވާ ކަމަށް
-
އެ ސިޓީފުޅާ އެކު އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ފޮނުއްވި
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ނަންތައް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފަ އެވެ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ވިދާޅުވެ، ޖަލްސާ ނިންމާލެއްވި އެވެ.
ކޮމިޓީން ވަކި ގޮތެއް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން ޕީޖީގެ މަގާމަށް ބޭފުޅެއްގެ ނަން ފާސްކުރާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ގުޅުން ހުރި ކަމެއް - އައްބާސްއަކީ 2011 އިން 2015އަށް ހައި ކޯޓުގެ ފަނޑިޔާރެކެވެ.
ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުން ހާމަކޮށްފައި ނުވާތީ ހަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ނަންތައް އަދި ނޭނގެ އެވެ. އައްބާސްގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވިކަން 'ދައުރު'އަށް ކަށަވަރުވެފައި އޮތީ:
-
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
-
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
ފަސް މަންޒަރު - ޕީޖީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހު އިސްތިއުފާ ދެއްވައި އަދި މަޖިލީހުން އޭނާ ވަކިކުރަން ވެސް ނިންމުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމި ފަހުންނެވެ. ޝަމީމު މަގާމުން ވަކިކުރަން މަޖިލީހުން ވޯޓު ނަގާފައި ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެ އެވެ.