ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖް. މިދިޔަ ހަފްތާގެ ހާދިސާގައި ހަމަލާދީފައިވަނީ މި ކޮލެޖުގެ ހޮސްޕިޓަލުގައި ޑިއުޓީ އަދާ ކުރަމުންދިޔަ ދެ ޑޮކްޓަރުންނަށް. (ފޮޓޯ/ ސޯޝަލް މީޑިއާ)
ދިވެހި ޑޮކްޓަރުންނަށް ދިން ހަމަލާ: 'ބިދޭސީން ޑީޕޯޓު ކުރުމާ ގުޅުމެއް ނެތް'
ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލް (ސީއެމްސީއެޗް)ގައި އިންޓާންޝިޕް ހަދަމުން ދިޔަ ދެ ދިވެހި ޑޮކްޓަރުން ޑިއުޓީގައި ތިއްބައި މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ބަޔަކު ވަނީ އެ މީހުންނަށް ހަމަލާ ދީފަ އެވެ.
އެ ހާދިސާއާ ގުޅިގެން ބައެއް ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދި، އެކި ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، އެއީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުންދާތީ، ބަދަލު ހިފުމުގެ ގޮތުން ބަންގްލަދޭޝްގެ ރައްޔިތުން ކުރި ކަމެކެވެ.
ބަންގްލަދޭޝަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިން ކިޔަވައި އިންޓާންޝިޕް ފުރިހަމަކުރަން ދާ ގައުމެކެވެ. ނަމަވެސް، މި ހާދިސާއާ އެކު އެ ގައުމަކީ މިހާރު ދިވެހިންނަށް ރައްކާތެރި ތަނެއް ނޫން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
'މިއީ ރާއްޖޭގައި ހިނގާ ކަންކަމާ ގުޅުންހުރި ހަމަލާއެއް ނޫން'
"މި ފަހުން [ބަންގްލަދޭޝްގެ ވެރިކަމަށް އައި ބަދަލާ އެކު] ކަންތައްތައް ވަމުންދާ ގޮތް އެންމެންނަށް ވެސް އެނގޭ. މިފަދަ ކަންކަން ބަންގްލަދޭޝް ޑޮކްޓަރުންނަށް ވެސް ދިމާވޭ،" ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ހިޔާލުފާޅު ކުރި ދަރިވަރެއް ބުންޏެވެ.
ވޯޑުގައި ޑިއުޓީ އަދާކުރަމުން ދިޔަ ދެ އަންހެން ޑޮކްޓަރުންނަށް ހަމަލާދީފައިވަނީ ސީއެމްސީއެޗްގައި ފަރުވާ ދެނިކޮށް މަރުވެފައިވާ ބަލިމީހެއްގެ އާއިލާ މެމްބަރެކެވެ. އާއިލާ އިން ތުހުމަތު ކުރީ، އެމީހާ މަރުވީ އެތަނުން އެއް ޑޮކްޓަރު ގޯސް އިންޖެކްޝަނެއް ޖެހުމުން ކަމަށެވެ.
އެކަމުގައި އެއްވެސް ހަގީގަތެއް ނުވާކަމަށް ބުނި ނަމަވެސް، އާއިލާގެ ފަރާތުން އަޑުގަދަކޮށް، އެތަނުގައި ހުރި އަންހެނަކު ވަނީ އެއް ޑޮކްޓަރު ގައިގައި ތަކުރާރުކޮށް ޖަހައި، އަނެއް ޑޮކްޓަރުގެ އަތުގައި ހިފައި ގަދަކަމުން ދަމާފައި ގެންދަން މަސައްކަތް ކޮށްފަ އެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހި ޑޮކްޓަރުން ބުނަނީ، އެވަގުތު ޑިއުޓީގައި ކޮންމެ ބައެއް ތިބި ނަމަވެސް އެ ހާދިސާ އެގޮތަށް ދިމާވާނެ ކަމަށެވެ. އެވަގުތު ދިވެހި ޑޮކްޓަރުން ތިބުމަކީ އިއްތިފާގުން ވީކަމެކެވެ.
ހާދިސާ އަކީ ރާއްޖެއިން ބަންގްލަދޭޝް މަސައްކަތްތެރިން ޑީޕޯޓު ކުރަމުން ދިޔުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ބުނެ ސީއެމްސީއެޗްގައި އިންޓާންޝިޕް ހަދަމުންދާ ދިވެހި ޑޮކްޓަރުން ނެރުނު ބަޔާނުގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.
ބަންގްލަދޭޝްގެ ވެރިކަން މިފަހުން ބަދަލުވުމާ ގުޅިގެން ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ގުޅިގެން އަދިވެސް އެކި ފެންވަރުގައި ހަޅުތާލުތައް ދަނީ ކުރިއަށެވެ. ދިވެހި ޑޮކްޓަރުންނަށް އަނިޔާ ލިބުނު ހާދިސާ ހިނގި އިރު، ސީއެމްސީއެޗްގެ ސެކިއުރިޓީ ސްޓާފުން ވެސް ތިބީ ހަޅުތާލުގަ އެވެ. އެހެންކަމުން، ސެކިއުރިޓީ ފޯރުކޮށްދޭނެ ބަޔަކު އެވަގުތު ނެތެވެ.
"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން [ސީއެމްސީއެޗްގެ] ޑިރެކްޓަރާ ވާހަކަ ދެއްކުމުން އޭނާ ވެސް ވިދާޅުވީ އެކަން ހިނގާފައިވަނީ، މިދިޔަ ސަރުކާރު ވެއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ވާވަރަށް ސެކިއުރިޓީ ސްޓާފުން ނުލިބޭތީ، ވޯޑުތަކުގައި އެކަށީގެންވާ ސެކިއުރިޓީ ނެތުމުން ކަމަށް،" ދިވެހި ޑޮކްޓަރުން ނެރުނު ބަޔާނުގައިވެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސެކިއުރިޓީ ސްޓާފުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ޑިރެކްޓަރު ދެއްވާފައިވާ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. އެކަން ކޮށްދިނުމަށް ދިވެހި ސަރުކާރުން ވެސް ވަނީ ހައިކޮމިޝަން މެދުވެރިކޮށް އެ ހޮސްޕިޓަލުގައި އެދިފަ އެވެ.
"ހުރިހާ ކަމެއް ސިޔާސީ ކަންކަމާ ނުގުޅުވާ. މިއީ ރާއްޖޭގައި ވަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން، މިއީ ބަންގްލަދޭޝްއަށް މިފަހުން އައި ބޮޑެތި ބަދަލުތަކާ ގުޅޭ ކަމެއް،" ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދީ، އެގައުމުގައި މެޑިސިން ކިޔަވަމުންދާ ދަރިވަރެއް ބުންޏެވެ.
"މިހާރުގެ ހާލަތު އޮތްގޮތުން ގާނޫނުތައް މިހާރަކު ނުހިނގާ. ވެރިކަން ބަދަލުވުމާއެކު ވޯޑުތަކަށް ރަނގަޅު ސެކިއުރިޓީއެއް ނުލިބޭ އަދި ޕޭޝަންޓުންގެ އާއިލާތަކުން ވެސް ބޭނުން އިރަކު އައިސް ގޮސް ހަދާ. މިތާ އުޅޭ އެންމެންވެސް މަސައްކަތް ކުރަމުންދަނީ އެމީހެއްގެ އަމިއްލަ ހައްގުތަކާއި ސަލާމަތްތެރިކަން ހޯދަން."
ބަންގްލަދޭޝްގައި ކިޔަވަމުންދާ ދަރިވަރުން ތަކުރާރުކޮށް އެދެމުންދަނީ، އެ ހާދިސާއާ ގުޅިގެން ދޮގު ވާހަކަ އާއި ޕްރޮޕެގެންޑާ ނުފެތުރުމަށެވެ. އަދި އެ ހާދިސާ ބޭނުންކޮށްގެން ނަސްލީ ތަފާތު ކުރުމަށް މަގުފަހިވާ ފަދަ ވާހަކަ ނުދެއްކުމަށާއި، ބިދޭސީންނާ މެދު ނުރަނގަޅު ނަޒަރަކުން ނުދެކުމަށެވެ.