ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)

އަލީ އިހުސާން

ރަހީނުކުރި މައްސަލާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ނުކުރަން: އިހުސާން

އިހުސާން ވިދާޅުވީ ފުލުހުން ކުރެއްވީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެން ކުއްޖެއް ސަލާމަތް ކުރެވުނު ކަމަށް

ރޭ އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުން ނުދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންހެންމީހާ ރަހީނުކޮށްގެން އުޅުނު މީހާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކުރި ގޮތާގުޅޭ ތަހުގީގެއް ހިންގަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ތަހުގީގު ހިންގަނީ ފުލުހުންގެ އަތުގައި ޓޭޒާ ބަޑި ހުއްޓައި މުގުރު ބޭނުން ކޮށްފައިވާތީ މިނިސްޓަރު އިހުސާންގެ އެންގެވުމަކަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. 

ބުނީ ކީކޭ؟ - މިކަން ދޮގުކުރައްވާ އިހުސާން މިއަދު އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން ކުރެއްވީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެން ކުއްޖެއް ސަލާމަތް ކުރެވުނު ކަމަށެވެ.

"އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވަން. ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގު ކުރަން އަންގާފައެއް ނުވާނެ،"  އިހުސާންގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު - އަންހެނަކަށް އަނިޔާކޮށް މާފަންނު ގެއެއްގެ ތެރޭގައި ރަހީނުކޮށްފައިވާ ކަމަށް ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބޮޑު ޓީމެއް ރޭ ހަރަކާތްތެރިވެފައިވެ އެވެ.

އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ދިއުމުން އެ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައި "ގަތްވެއްޖެ ނަަމަ އަންހެންމީހާ މަރާލާނެ" ކަމަށް ބުނެ ފުލުހުންނަށް ފިރިހެންމީހާ އިންޒާރުދީފައިވެ އެވެ. އަދި މާލޭގެ މަގުމަތީގައި އެތައް ބަޔަކު އެއްވެފައި ވަނިކޮށް އަންހެންމީހާ ރަހީނުކޮށްގެން ގެންދަން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. 

އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އިންޒާރު ދެމުންދަނިކޮށް އެ ފިރިހެންމީހާ ފުލުހުން ހުއްޓުވާފައިވަނީ މުގުރު ބޭނުންކޮށްގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި:

  • މުގުރުން އޭނާގެ ގައިގާ ޖަހާފައިވަނީ ފަހަތުން އައި ފުލުހެއް؛ ޖެހުމާއެކު އަންހެންމީހާގެ ކަރުގައި ވަޅި އަޅަން އޭނާ މަސައްކަތްކޮށްފައިވޭ

  • އެކަމަކު ފުލުހުން ހަރަކާތްތެރިވިލެއް އަވަސްކަމާ އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ އެހީތެރިކާމާއެކު އޭނާގެ ކިބައިން އަންހެންމީހާ ވަނީ މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފައި

އެކަމުގެ ތެރޭގައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ. މި ސީންގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވެފައިވާ ގޮތަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝުޖާއު ވެސް ވަނީ ތައުރީފް ކުރައްވާފަ އެވެ. 

ކޮމެންޓް (1)

ހަސަން

31 އޯގަސްޓު 2024
ކުރާކަށް ނުވެސް ޖެހޭ..... ދިވެހި ފުލުހުން ނާއި މެދު ފަޚުރުވެރިވެވޭ މަދު ފުރުސަތެއް ލިބެނީ.... މިއީ އެއިން ފުރުސަތެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް