އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ވަނީ ފޮނުވާފައި
އުމަރު ނަސީރަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި
ކުށްވެރިންގެ ފައިގައި ޓެގް އެޅުުވުމަށް 2015ގައި ބަޔަކާ ހަވާލުކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ހިފައިގެން ކަމަށް ބުނެ، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް ؟ - އޭސީސީން މި މައްސަލަ ބެލީ މީގެ ހަ އަހަރު ކުރިން ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް، އުމަރުއާ ވިޔަފާރީގެ ގޮތުން ގާތް ގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ތުހުމަތުކުރެވިގެންނެވެ.
ތަފްސީލު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު އެ މަސައްކަތް ހަވާލުކުރެއްވީ، އޭސީސީން މިއަދު ބުނިގޮތުގައި، އޭނާގެ ވިޔަފާރީގެ މަސްލަހަތު އޮތް ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އޭސީސީން ބުނި ގޮތުގައި، ސްޓެލްވާޓް މޯލްޑިވްސްގެ ހަތަރު ހިއްސާދާރުންނަކީ ވެސް އުމަރުއާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކެކެވެ. އަދި އޭގެ ތެރެއިން ދެ ފަރާތަކީ، "އުމަރުގެ ވިޔަފާރީގެ ޕާޓްނަރުން" ކަމަށް އޭސީސީން ބުންޏެވެ. އޭސީސީން ބުނީ، އެ ކުުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ، ބިޑު ކޮމިޓީއަށް ވެސް ހުށަނާޅައި ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި 5 ލައްކަ ރުފިޔާ އެ ކުންފުންޏަށް ދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވެއެވެ،" އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި އެ މައްސަލައިގައި އުމަރުގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާކޮށްދޭން އެދުނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.
އޭސީސީގެ ތަހުގީގުން ފާހަގަވި އެހެނިހެން ކަންކަން:
-
އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އުމަރުގެ އިރުޝާދުގެ ދަށުން
-
ސްޓެލްވާޓުން ދެއްކި ޓެގް ޓްރަޔަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި، އެ ކޮމެޓީގެ ޗެއާގެ ގޮތުގައި ބައިވެރިވެފައިވޭ
-
ސްޓެލްވާޓުން ޓްރަޔަލް މުއްދަތުގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ އެ ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތި ކަމަށް، އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައިވީ ނަމަވެސް، އެ މަސައްކަތް ސްޓެލްވާޓާ ހާވާލުކުރުމަށް އެ ކޮމެޓީން ނިންމާފައެއް ނުވޭ
-
ޓެގް ޓްރަޔަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ހާވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފަޔަށް އެދި އުމަރު ނަސީރު ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވޭ
-
ސްޓެލްވާޓާ މަސައްކަތް ހަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން
-
އެ ކުންފުނިން ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ 500,000ރ. ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވޭ.
-
އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް، އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވޭ
"އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަހްގީގުން އެނގެއެވެ،" އޭސީސީން ބުންޏެވެ.
އެނގުން މުހިންމު - ކުށްވެރިން އުޅޭނޫޅޭ ގޮތް މޮނީޓާ ކުރުމަށް އެމީހުންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ސްޓެލްވާޓް ކުންފުންޏާ ހަވާލު ކުރީ، މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ ކަމަށް ކުރިން ނެރުނު އޮޑިޓް ރިޕޯޓެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެ އެވެ. ސްޓެލްވާޓް ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 5 ނޮވެމަބްރު 2015ގަ އެވެ.