އެމްއާރުއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަ ދައްކަވަނީ

އެމްއާރުއެމް

އެމްއާރުއެމް އުވާލަން އީސީން އަނެއްކާވެސް ނިންމައިފި

3،000 މެމްބަރުން ހަމަކޮށް، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އީސީއަށް ހުށަހަޅާފައިވާ ކަމަށް އެމްއާރުއެމް އިން ބުނެފައިވޭ؛ އެކަމަކު މިއަދު އަނެއްކާވެސް އީސީން ވަނީ މީހުން ހަމަނުވާތީ ޕާޓީ އުވާލަން ނިންމި ކަމަށް ބުނެފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އީސީން ނިންމި އެވެ. އެއާ އެކު:

  • ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އެ ކޮމިޝަނުން ޕާޓީއަށް އެންގި،؛ އެހެންވެ، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓު ފާރިސް މައުމޫން ވާދަކުރެއްވީ އަމިއްލަ ގޮތުން

  • އީސީގެ ނިންމުން އެ ޕާޓީން ގަބޫލެއް ނުކުރޭ؛ އެމްއާރުއެމުން ތުހުމަތުކުރި ގޮތުގައި އެއީ ބައެއްގެ ނުފޫޒުން ނިންމި ނިންމުމެއް

  • އެހެންވެ، މިދިޔަ އަހަރު ޖުލައި މަހު އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ކޯޓުން ހުކުމް ކުރީ އީސީއާ ދެކޮޅަށް 

ތަފްސީލް - އެމްއާރުއެމް އުވާލަން އީސީން ނިންމި ނިންމުން ބާތިލްކޮށް، ކޯޓުން އޭރު ހުކުމް ކުރީ ޝަރީއަތުގެ ހަރަދަށް ހިނގި 50،000ރ. ވެސް އެ ޕާޓީއަށް ދައްކާށެވެ.

އެމްއާރުއެމް އުވާލަން މިދިޔަ އަހަރު އީސީއިން ނިންމިއިރު، އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން ގާނޫނުގައި ބުނާ އަދަދު ހަމަވާން މަދުވީ އެންމެ 21 މެންބަރުންނެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމްއާރުއެމް އިން ބުނީ، އީސީން ބުނާ އަދަދަށް ފޯމު ހަމަކޮށް، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އީސީން މިއަދު އަނެއްކާވެސް ވަނީ، 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް، އީސީން ފޯނަށް ޖަވާބުނުދޭތީ އޭގެ ތަފްސީލެއް ސާފުވާ ގޮތެއް ނުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް