ލޯފަން ނަޝީދު އާއި އޭނާގެ އަށް އަހަރުގެ ފިރިހެންދަރިފުޅު ބިލާލް
ލޯފަން ބައްޕަގެ ހިދުމަތުގައި މި ކުޑަ ދަރިފުޅު؛ އެންމެންގެ ލޯބި ހޯދައިފި
މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އެކެވެ؛ އެއިން ފެންނަނީ ލޯފަން ބައްޕަގެ އަތުގައި ހިފައިގެން ކުޑަ ފިރިހެން ކުއްޖަކު މިސްކިތުން ނުކުމެގެން ދާތަނެވެ. ވަރަށް ބޮޑަށް ވާރޭވެހި ފެންބޮޑުވެފައިވާ ރަށެއްގެ މަގުމަތިން، ބައްޕައަށް މަގު ދައްކައިދީ އެހީތެރިއެއްގެ ގޮތުގައި ދާ މަންޒަރެވެ.
ގިނަ ބައެއްގެ ލޮލުގައި މި މަންޒަރު އަޅައިގަތީ، ބައްޕައަކާ ދަރިއަކާ މެދު އޮތް ގާތް ގުޅުން މި ވީޑިއޯއިން ފެންނާތީ އެވެ. އެކަމަކު އުފަންވި އިރު ވެސް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އަހުމަދު ނަޝީދުގެ ނަޒަރުގައި އެ ވީޑިއޯއިން ފެންނަނީ އޭނާގެ މުޅި ދިރިއުޅުމެވެ.
"އެއީ އަޅުގަނޑުގެ އެންމެ ގާތް މީހާ. އަޅުގަނޑުގެ ފިރިހެން ދަރިފުޅު،" ފަހުރުވެރިކަމާ އެކު ނަޝީދު ބުނެލި އެވެ.
ށ. ބިލެއްފައްސަށް އުފަން އެ ޒުވާނާ ބުނިގޮތުގައި އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު ހިތްވަރަކީ ދަރިން ކަމަށެވެ. ހާއްސަކޮށް، މިހާރު އުމުރުން އަށް އަހަރު ފުރިފައިވާ ހަގު ފިރިހެން ދަރިފުޅު ބިލާލް ބިން ނަޝީދާ އޮންނަ ގުޅުން ވަރުގަދަ އެވެ. ބިލާލް އޭނާއާ ދިމާއަށް ބަލަނީ، ނަޝީދު ދެކޭ ގޮތުގައި ފަހުރުގެ ލޮލަކުންނެވެ.
ނަޝީދު ބުނި ގޮތުގައި ވީޑިއޯއިން ފެންނަ ގޮތަށް، އޭނާއާ އެކު ދަރިފުޅު މިސްކިތަށް ދިޔުމަކީ އާދަ އެކެވެ. ވިއްސާރަ ދުވަހެއްގައި ވެސް އެންމެ ބޮޑު އެހީތެރިއަކީ އެއީ އެވެ. ފަތިހު އޭނާއަށް ނުހޭލެވި އޮންނަ އިރެއްގައި ވެސް، ބަންގި ގޮވުމާ އެކު އޭނާއަށް ގޮވަނީ ދަރިފުޅެވެ. ބައްޕަގެ އަތުގައި ހިފައިގެން މިސްކިތަށް ދިއުމަކީ ބިލާލް އެންމެ ކުރާހިތުން ކުރާ އެއްކަންތައް ކަމަށް ނަޝީދު ބުންޏެވެ.
"މެންދުރު ސްކޫލުން އާދެވޭނީ ތަންކޮޅެއް ލަހުން. އެހެންވެ، އެ ގަޑީގައި ނަމާދަށް އެއްކޮށް ނޭރުނަސް އެހެން ހުރިހާ ވަގުތެއްގައި އަޅުގަނޑުމެން ދެބަފައިން އެކުގައި މިސްކިތަށް އެރޭތޯ ބަލަން،" ނަޝީދު ބުންޏެވެ.
"ބިލާލް ވެސް އޭނާގެ ރަހުމަތްތެރިންނަށް ވުރެ ބޮޑަށް އަޅުގަނޑާ އެކުގައި ދާން ބޭނުންވާނީ."
ނަޝީދުގެ އާއިލާ މިހާރު އުޅެނީ، އޭނާގެ އަންހެނުންގެ ރަށް ތ. ގުރައިދޫގަ އެވެ. ދެމަފިރިންގެ ދެ ދަރިންނާއި އަންހެނުންގެ އިތުރު ތިން ކުދިންނާއެކު އެ ރަށަށް ބަދަލުވެ މިހާރު އޭނާ މަސައްކަތް ކުރަނީ ފެނަކައިގަ އެވެ. އުފަން ރަށުގައި އޭނާއަށް އިތުރު އެހީތެރިކަމާ ނުލައި ހިނގާބިނގާވެ އުޅެން އެނގުނަސް، ގުރައިދުއަށް އޭނާ އަދި އެހާ ފަރިތައެއް ނޫނެވެ. ޓެކްނޮލޮޖީގެ އާލާތްތައް ހަރުކޮށްފައިވާ އަސާގަނޑާ އެކު މާ ބޮޑު ދައްޗެއް ނެތި ހިނގަން އެނގުނަސް، ރަށުގެ ތަންތަން އަދި ދަސްނުވަނީ އެވެ.
އެ ފަދަ ތަންތަން ނަޝީދު ބަލަނީ ބިލާލްގެ ލޮލުންނެވެ. އެކި ކަހަލަ ވާހަކަތަކާ އެކު، ރަށުތެރޭގައި ހިނގުމަކީ ދެބަފައިން ކުރާ ކަމެކެވެ. ބައްޕަގެ ލޮލަށް ނުފެންނާތީ، ބައްޕައަށް ތަންތަން ކިޔައިދިނުމަކީ ބިލާލް އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެކެވެ. ހަމަ އެގޮތަށް، ހަވީރު ގަޑީގައި ބިލާލް ކުޅެން ގެންދިއުމާއި ބަލާ ދިއުމަކީ ނަޝީދު އުފަލާ އެކު ކުރާ ކަންކަމެވެ.
ދަރިފުޅު ކުޅޭތަން ނުފެނުނަސް، ނިމެންދެން އޭނާ މަންޒަރު ފެންނަ ހިސާބުގައި އިނދެ އެވެ. ބޯޅަ ޖަހާ އަޑާއި ދަރިފުޅާއި ދެން ތިބި ކުދިން ހޭ އަޑާއި ހަޅޭއްލަވާ އަޑު އަހަން އޭނާ އިންނަހިތްވެ އެވެ.
ނަޝީދު ބުނި ގޮތުގައި ވައިރަލްވި ވީޑިއޯއިން އެ ފެންނަނީ އެ މީހުންގެ ދިރިއުޅުމާއި ދެބައިފައިންގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ކުޑަ މިންވަރެކެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އެއްވެސް ކަހަލަ މަހުރޫމިއްޔަތުކަމެއް، އެ ގުޅުމުގެ ސަބަބުން އިހުސާސް ނުވާ ކަމަށް ބުންޏެވެ.
"ވަރަށް ގިނަ މީހުން އެ ވީޑިއޯ ބެލީމައި އަޅުގަނޑާއި ބިލާލް ވެސް ވަރަށް އުފާވި،" އޭނާ ބުންޏެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު މަގްސަދަކީ ދަރިންނަކީ ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކަމޭހިތާ ކުދިންތަކެއް ތަރުބިއްޔަތުކުރުން."
ކޮމެންޓް (4)
ވޮލް
ޏާއްކޮ
އައި
ބޯ ހަލާކު