މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މިނިސްޓްރީ)
ގާނޫނުން ބާރު ލިބުނަސް ކޮންޓްރޯލެއް ނެތް ގޮތަށް ބިދޭސީން ނުގެންނާނަން: އިހުސާން
ވަޒީފާއާ ބެހޭ ގާނޫނަށް މިފަހުން ގެނައި އިސްލާހާ އެކު އެއް ގައުމަކުން ބިދޭސީން އެންމެ ގިނަވެގެން ގެނެވޭނެ އަދަދު އުވާލި ނަމަވެސް، އެއްވެސް ކޮންޓްރޯލެއް ނެތި ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެވާން ހުއްދަ ނުދޭނެ ކަަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނެ ލިމިޓެއްގެ ގޮތުގައި ގާނޫނުގައި މިހާތަނަށް އޮތީ، 100،000 މީހުންނެވެ. ސަރުކާރުން ހުށަހަޅައި މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ފާސްކޮށްފައިވާ ބިލުގައި ވަނީ، ގާނޫނުގައި ލިމިޓް ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން އެ އަދަދު ކަނޑައެޅުމަށެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އަލީ އިހުސާން ވަނީ އެ އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ބުނީ ކީކޭ؟ -"ތަކުރާުކޮށް ދަންވަންވަން، މީޑިއާއަށް ވެސް [އަދި] ރައްޔިތުންނަށް ވެސް ޔަގީންކަން ދެން އަޅުގަނޑުމެން ކޮންޓްރޯލެއް ނެތް ގޮތަށް ބޯޑަރު ހުޅުވައެއް ނުލާނަން، މަޖިލީހުން އެ އޮތޯރިޓީ ދިނަސް. އަޅުގަނޑުމެން އެކަން ކުރާނީ ޒިންމާދާރު ކަމާ އެކު،" ބިދޭސީންގެ އަދަދުގެ ލިމިޓް ގާނޫނުން އުވާލުމާ ގުޅޭ ގޮތުން އަލީ އިހްސާން ވިދާޅުވި އެވެ.
ތަފްސީލު- އެ މައުލޫގައި އިތުރަށް ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ މައްސަލައަކީ ވަކި އަދަދަކަށް ބިދޭސީން ރާއްޖޭގައި ތިބުން ނޫން ކަމަށާއި މައްސަލައަކީ ގަވައިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި އުޅުމެވެ. އަދި ނައްތާލަން ޖެހޭ އަދަދަކީ ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ލޭބާ ޑިމާންޑް އޮތް ގޮތަށް ބަލާއިރު، އަދި ހާއްސަކޮށް މިހާރު ބޮޑެތި ޕްރޮޖެކްޓްތައް ރޭވިފައި ހުރި އިރު، ރާއްޖޭގައި މިވަގުތު ހުރި ލޭބާ ސަޕްލައިއަކުން އެކަމެއް ކުރެވޭކަށް ނެތް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ލޭބާ ސަޕްލައިި އިތުރު ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ލޭބާ ވަކި އަދަދަކަށް ލިމިޓް ކުރުމަކީ ދުނިޔޭގެ ގިނަ ގައުމަކުން [އަދި ހާއްސަކޮށް ރާއްޖެ ކަހަލަ] ލޭބާ ސްޕްލައިގެ އިޝޫ އުޅޭ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން،"
އެމްޑީޕީ ސަރުކާރުގައި ބަންގަލަދޭޝް މަސައްކަތްތެރިން ގެނައުން ހުއްޓާލައި، އެހެން ގައުމަކަށް ބޯޑަރު ހުޅުވާލިއިރު، އޭރުވެސް އަސްލު މައްސަލައަށް އޮތީ ހައްލު ނުހޯދިކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭރު 2020ގައި 100،000 މީހުންގެ ލިމިޓް ގާނޫނުގައި ހިމެނީ ވެސް މައްސަލައަށް ހައްލު އަންނާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އެއާއެކު ވެސް މައްސަލަތައް އިތުރުވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި "މައްސަލަ، 100،000ގެ ލިމިޓް އޮތަސް އެބަ އޮތޭ. އެއީ މިވަގުތު އެތެރޭގައި ތިބި މީހުންގެ ފަރާތުން މި ދިމާވާ ކަންތައް. މި އެޓެންޑް ކުރުން އަޅުގަނޑުމެން އިސްކަން މިދެނީ،" އޭނާ ވިދާޅުވި އެވެ.
"އިތުރަށް ބަންގްލަދޭޝްއަށް ވެސް އަދި އެހެން ގައުމަކަށް ވެސް އަޅުގަނޑުމެން އެކްސެސް ނުދޭނަމޭ، މި ވަގުތު މި ގަވައިދާ ހިލާފަށް ސިސްޓެމެޓިކަލީ މީހުން އުޅެމުންދާ މައްސަލަ ހައްލު ނުވަނީސް."