ބުޅާ މަހުން ކާތަކެތި ހަދައި ވިއްކާ ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަރަފާތު: މިހާތަނަށް އެފަދަ މައުލޫމާތެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި (ފޮޓޯ/ އިމިގްރޭޝަން
އަރަފާތު ބުޅާ މަހުން ކާ އެއްޗެހި ހެދިކަން އަދި އެނގިފައެއް ނެތް؛ ދަނީ ތަހުލީލުތައް ކުރަމުން: އިހުސާން
ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރި ކަމަށް ތުހުމަތު ކުރެވޭ ބަންގަލަދޭޝްގެ ރައްޔިތަކު ހިންގި ބަދިގެއިން ސާމްޕަލްތަކެއް މިހާރު ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށާއި އަދި މިހާތަމަށް އެފަދަ ކަމެއް އޭނާ ކުރިކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަހަރާމަގުގައި ހުންނަ ގ. ރަނައުރާގެއާގެ ބައެއްގައި ބަދިގެއް ހިންގަމުން ދިޔަ އަރަފާތު، މާލޭގައި އުޅޭ ބުޅާތައް އެ ގެއަށް ގެންގޮސް މަރައި، ކާއެއްޗިހި ހަދަމުންދާ ކަމަށް އާންމުން ތުހުމަތު ކުރުމާ އެކު މިދިޔަ އާދިއްތަ ދުވަހު އޭނާ ހޯދަން އިއުލާންކޮށް، ޖެހިގެން އައި ހޯމަ ދުވަހު ހައްޔަރު ކުރި އެވެ. އަދި މިހާރު ފުލުހުން ވަނީ އޭނާ އިމިގްރޭޝަންއާ ހަވާލުކޮށްފަ އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަފާތަށް ކުރެވޭ ތުހުމަތުތަކާއި ތަހުގީގުގެ އަޕްޑޭޓްއާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން އިހުސާން ވަނީ މިހާތަނަށް އެ އިދާރާށް ލިބިފައިވާ މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "ފުލުސް އޮފީހަށް ހުށަހެޅިފައި އޮތް މައްސަލައަކީ، އަރުފާތު [ކާބޯތަކެތި ތައްޔާރުކުރުމަށް] ބޭނުން ކުރަމުން އައި ތަނުގެ ތެރޭގައި ބުޅާ ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން މީހުން ހުށަހަޅާފައިވާ މައްސަލަތައް. އަޅުގަނޑުމެންނަށް ހުށަހަޅާފައި އޮތް މައްސަލައެއް ނޫން ބުޅާ މަސް ބޭނުންކޮށްގެން އެއްޗިހި ހަދައިގެން މީހުންނަށް ވިއްކި ކަމަަށް،" އިހުސާން ވިދާޅުވި އެވެ.
ތަފްސީލު - އިހުސާން ވިދާޅުވީ އެގޮތަށް މައްސަލަ ހުށަހަޅާފައި ނުވި ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބުޅާ މަހުން އަރަފާތު ކާބޯތަކެތި ތައްޔާރުކުރިތޯ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ މައުލޫމާތެއް ތަހުގީގަށް ލބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އޭނަގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ނުވަތަ ހައްޔަރު ކުރާ ހާލަތަށް ނާންނާތީވެ، މިވަގުތު އޭނަ އެ ހުރީ ވިސާ ވައިލޭޝަންގެ [ވިސާ ގަވާއިދާ ހިލާފުވި] މައްސަލައެއްގައި އިމިގްރޭޝަންގެ ޑިޓެންޝަންގައި،" އިހުސާން ވިދާޅުވި އެވެ.
އިހުސާން އިތުރަށް ވިދާޅުވީ:
-
އޭނާ ބަދިގެ ހިންގިތަން އިމާރާތުގެ ވެރިފަރާތާ ހަވާލުކޮށްފައި ވަނީ އެތަނުގެ ސާމްޕަލްތައް ނެގުމަށް ފަހު ކަމަށް
-
އެ ސާމްޕަލްގެ ނަތީޖާ އައިހާ އަވަހަކަށް އާންމުންނަށް އަންގައިދޭނަން، ބުޅާ މަސް ބޭނުންކުރިތޯ ނޫންތޯ
އަރަފާތު ޑީޕޯޓުކޮށްލާނީތޯ އެހި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.
ފާހަގަކޮށްލެވޭކަމެއް - ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވެސް ވިދާޅުވީ އަރަފާތަށް ކުރެވޭ ތުހުމަތުތަކަކީ އަދި ކަށަވަރު ނުވާ ތުހުމަތުތަކެއް ކަމަށެވެ.