ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ނޫމަޑި މައްސަލަ

ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރި ވާހަކަ ސީޕީ ދޮގުކޮށްފި

ޝުޖާއު ވިދާޅުވީ ނޫމަޑި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދުއާ އެކު އެއްވެސް ފަރާތަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށް

ނޫމަޑި މައްސަލަ ފެންމަތިވި ދުވަސްވަރު އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއާ، މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައްދަލުކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ހިންގަވަމުން ގެންދަވާ އިދިކޮޅު ޕާޓީ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ނޫމަޑީގެ މައްސަލައާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވައި ރައީސް މުއިއްޒަށް ވެސް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. 

މި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ، ނޫމަޑީގެ ކަންތަކުގައި އެންމެ ފުރަތަމަ ރައީސް މުއިއްޒު ގުޅުއްވީ އޭނާއަށް ކަމަށެވެ. އަދި އޭނާ މުއިއްޒުއާ ބައްދަލުކުރެއްވީ ޝުޖާއުއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދިޔައީ މިހާރުގެ ކޮމިޝަނަރު (ޝުޖާއު) ގޮވައިގެން އެ ބޭފުޅާއާ ބައްދަލުކުރަން. އެހާ ވަރުން މިވަގުތަށް އެ ވާހަކަ އަޅުގަނޑު ހުއްޓާލާނަން، މަޑުޖައްސާލާނަން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

ހުސެއިން ވަހީދުގެ މި ވާހަކަތައް ދޮގުކުރައްވައި ޝުޖާއު މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.

ބުނީ ކީކޭ؟ - ޝުޖާއު ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވިއިރު ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ހުސެއިން ވަހީދު އޭނާއާ އެކު ވަޑައިގެންނެވި ކަމަށް ރޭ ދެއްކެވި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެ ބަޔާނުގައި ޝުޖާއު ވިދާޅުވީ:

  • އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް

  • ނޫމަޑި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދުއާ އެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައެއް ނުވާނެ

އެނގުން މުހިންމު - ނޫމަޑި އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. އެ އެއްބަަސްވުން ބާތިލުކުރުމުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ވެސް ޖެހުނެވެ.

އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން، ދެއްވި ބަޔާނަކާ ގުޅިގެން މުއިއްޒުއާ ދެކޮޅަށް މިދިޔަ ސަރުކާރުން ދައުވާކޮށްފައި ވެސް ވެއެވެ. ނަމަވެސް އެ މައްސަލަ ސާބިތުވެފައެއް ނުވެ އެވެ.

ކޮމެންޓް (2)

ސިކުނޑި

20 އޯގަސްޓު 2024
ހުސެންވަހީދު ބުނީ ޕޮލްކޯގެ 300 ފްލެޓް މައްސަލާގައި ބައްދަލު ކުރިއިރު ނޫމަޑިވާހަކަ ދެއްކިކަމަށް! ސުޖާއު ބުނަނީ ނޫމަޑި މައްސަލައިގައި ބައްދަލު ނުކުރާކަމަށް! ދެމީހުންވެސް ހަދަނީ ތެދު! ދިވެހީން ގަމާރީހަމަ!!
0 0

ސިކުނޑި

20 އޯގަސްޓު 2024
މިހާރުގެ ސީޕީ ސުޖާއު މުއީޒާއި ބައްދަލުކުރި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް