ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލެއަށް މިއަދު ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި (ފޮޓޯ/އެންޑީއެމްއޭ)

މޫސުން

ވިއްސާރައިގެ ސަބަބުން މާދަމާ އޮފީސްތަކާއި ސްކޫލުތައް ބަންދު

ރައީސް އޮފީހުން ބުނީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ދަރިވަރުންނާއި ވަޒީފާ އަދާކުރާ މީހުންނަށް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށް
13 އޯގަސްޓު 2024

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން އިއުލާނު ކުރައްވައިފަ އެވެ.

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސުމުން އޮފީސްތައް ބަންދުވާނެ އެވެ. އަދި ސްކޫލުތަކުގެ ކިޔެވުމެއް ވެސް ނޯންނާނެ އެވެ.

ބުނީ ކީކޭ؟ - "މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ،" ހީނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލެއަށް މިއަދު ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި (ފޮޓޯ/އެންޑީއެމްއޭ)

ތަފްސީލް - އޭނާ އިތުރަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ރައީސް ދެއްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ - ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި މިދިޔަ 24 ގަޑިއިރު ރިކޯޑު އަދަދަކަށް ވާރޭ ވެހިފައިވެ އެވެ. މާލެ އާއި އުތުރުގެ ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ފެން ވަނުމުގެ ގިނަ ހާދިސާތަކެއް ދަނީ ރިޕޯޓު ކުރަމުންނެވެ.

މަގުތަކުން ފެން ހިންދައި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުތަކުން ފެން ހިނދެންދެން މާލޭގައި ބަރު ވެހިކަލް ނުދުއްވަން ވަނީ އަންގާފަ އެވެ.

ގުޅުންހުރި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ އިއްޔެ ދައްކައިފަ އެވެ. އެ ރިޕޯޓުގައި ލަފާކުރިގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ އެވެ.

ނަމަވެސް، މެޓް އޮފީހުން އިއްޔެ 'ދައުރު'އަށް ބުނީ އަލް ޖަޒީރާއިން ލަފާކުރާ ފަދަ އާދަޔާހިލާފު ކަމެއް އަދި ފާހަގަކުރެވިފައި ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް