މިއަދު މާލެ އަށް ކުރަމުންދާ ވިއްްސާރާގައި މަގުމަތީ ފެންބޮޑުވެފައި (ފޮޓޯ/ފުލުހުން)

މާލޭގެ 183 ގެއަކަށް ފެން ވަދެ، 48 ގޭގައި ވެލި ބަސްތާ ޖަހައިފި

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުންނަށް، ގިނަ އިދާރާތަކަކާ ގުޅިގެން އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން
13 އޯގަސްޓު 2024

ރާއްޖެއަށް މިވަގުތު ކުރަމުންދާ ބޯ ވިއްސާރާގައި މާލޭގެ ގިނަ އަދަދެއްގެ ގެތަކަކަށް ފެން ވަދެގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި:

  • މިހާތަނަށް 183 ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވޭ

  • އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ދަނީ ގިނަ އިދާރާތަކަކާ ގުޅިގެން ހަރަކާތްތެރިވަމުން

މާލޭގެ ގޭގެއަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް އިން ދަނީ ގޭގޭގައި ވެލި ބަސްތާ ޖަހައިދެމުންނެވެ. އެގޮތުން، މިހާތަނަށް 48 ގެއެއްގައި ޖުމްލަ 136 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ފާހަގަކޮށްލެވޭ - މިއަދު މެންދުރުކުރިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވަން ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މަގުތަކުން ފެން ހިންދައި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުންދާ އިރު، މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިނދެންދެން މާލޭގައި ބަރު ވެހިކަލް ވެސް ނުދުއްވަން ވަނީ އަންގާފަ އެވެ.

ގުޅުން ހުރި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ އިއްޔެ ދައްކައިފަ އެވެ. އެ މޫސުމީ ރިޕޯޓުގައި ލަފާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ނަމަވެސް، މެޓް އޮފީހުން އިއްޔެ 'ދައުރު'އަށް ބުނީ އަލް ޖަޒީރާއިން ލަފާކުރާ ފަދަ އާދަޔާ ހިލާފު ކަމެއް އަދި ފާހަގަކުރެވިފައި ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް