އިއްޔެއިން ފެށިގެން ކެލާއަށް ކުރަމުން އަންނަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި. ވޭތުވެދިޔަ 24 ގަޑިއިރު އެރަށަށް ރިކޯޑް މިންވަރަކަށް ވާރޭ ވެހުނު.
ކެލައަށް ވެހުނު 231 މިލިމީޓަރުގެ ވާރެއަކީ ރާއްޖޭގެ އާ ރެކޯޑެއް
ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މިންވަރަކަށް ވާރޭ ވެހުނީ ވޭތުވެދިޔަ 24 ގަޑިއިރު ހއ. ކެލައަށް ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓް އޮފީހުގެ ވެދާ ފޯކާސްޓަރު ހުސެން ވަހީދު 'ދައުރު'އަށް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ކެލައަށް 231.5 މިލިމީޓަރުގެ ވެހުނު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
މީގެ ކުރިން 24 ގަޑިއިރު ތެރޭ ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ 2015ގައި އައްޑޫ ގަމަށް 228 މިލިމީޓަރުގެ ވާރޭ
ފާހަގަކޮށްލެވޭ - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ކެލައަށް ވެހެން ފެށި ވާރޭ އަދިވެސް ނުހުއްޓެ އެވެ. އެ ރަށުގެ ސްކޫލްތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ކެލާ ކައުންސިލުން ބުނި ގޮތުގައި:
-
ވާރޭވެހުން އަދިވެސް ހުއްޓާނުލާ؛ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދަނީ ބަލަމުން
-
ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ނުވި ނަމަވެސް، 15 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ
ކެލާގެ އިތުރުން ހއ. އުލިގަމަށް ވެސް މިއަދު ވަނީ ގިނަ މިންވަރަކަށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފަ އެވެ. އެ ރަށު ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފެން ހިންދަން މޫދަށް ވަނީ ކޯރު ކަނޑާފަ އެވެ. އަދި ގިނަ ގެތަކާއި ކައުންސިލް އިދާރާގެ އޮފީހަށް ވެސް ވަނީ ފެން ވަދެފަ އެވެ.
މެޓުން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި:
-
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދުއަށް؛ އެއީ 177.5 މިލިމީޓަރުގެ ވާރޭ
-
ރ. އިފުރަށް 102 މިލިމީޓަރުގެ ވާރޭ
-
މާލޭ ސަރަހައްދުން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް؛ އެއީ 12.9 މިލިމީޓަރުގެ ވާރޭ
އޭގެ އިތުރުން، މެޓުން ބުނީ:
-
އިއްޔެ އެންމެ ވައި ގަދަވެފައި ވަނީ ފ. ނިލަންދުއަށް؛ އެ ރަށަށް ގަޑިއަކު 46 މޭލަށް ވައި ގަދަވި
-
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ
-
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރޭ
އެނގުން މުހިންމު - މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ ދައްކާފަ އެވެ. އިއްޔެ އާއި މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވާރޭ ވެހެމުންނެވެ.
ނަމަވެސް، މެޓް އޮފީހުން އިއްޔެ 'ދައުރު'އަށް ބުނީ އަލް ޖަޒީރާއިން ލަފާކުރާ ފަދަ އާދަޔާހިލާފު ކަމެއް އަދި ފާހަގަކުރެވިފައި ނެތް ކަމަށެވެ.