މާލެއަށް މީގެ ކުރިން ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މަގުމަތީ ފެން ހިންދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
މާލެ ފެނުއަޑިއަށް؛ ފެން ހިންދައިި އާންމުންނަށް އެހީވާން ސިފައިން ނުކުމެއްޖެ
މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން މަގުތަކުން ފެން ހިންދައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ނިކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރުގެ ކުރިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވަން ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ތަފްސީލް - ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް ސިފައިން މަގުތަކަށް ނެރެން ފަށާފައިވާާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ އިއްޔެ ދައްކައިފަ އެވެ.
އެ މޫސުމީ ރިޕޯޓުގައި ލަފާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ބޯކޮށް ވާރޭވެހި ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އުތުރުގެ ރަށްރަށަށް ވެސް ބޯކޮށް ވާރޭވެހި ގިނަ ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.