މީގެ ކުރިން މާލެެއަށް މޫސުން ގޯސްވެ ވާރޭ ވެހުނު ދުވަސްވަރު ބަޔަކު މަގުމަތިން ހިނގާފައި ދަނީ: ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ވަނީ ކުރަން ފަށާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މާލެއަށް މި 3 ދުވަހު 1 މަސް ދުވަހުގެ ވާރޭ ވެހިދާނެ؛ އާދަޔާ ހިލާފު ކަމެއް ނޫން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލެއަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އަލް ޖަޒީރާއިން ލަފާކޮށްފައިވަނީ މި ހަފްތާގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވެސް މީގެ ކުރިން ލަފާކޮށް އިންޒާރުކޮށްފައިވާ ކަމަށެވެ.
ތަފްސީލު - އަލް ޖަޒީރާގެ މޫސުމީ ރިޕޯޓުގައި ލަފާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި މަހެއްހާ ދުވަހުގެ ވާރޭ މާލެއަށް ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަލްޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި ރާއްޖެއަށް ވަރަށް ވިއްސާރަކުރާނެ. ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުން ބުއްދިވެރި! pic.twitter.com/JNC5o0Pa72
— Firaash (@Phiraash) August 12, 2024
ބުނީ ކީކޭ؟ - މެޓް އޮފީހުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ.
ނަމަވެސް މެޓް އޮފީހުން 'ދައުރު'އަށް މިއަދު ބުނީ އަލް ޖަޒީރާއިން ލަފާކުރާ ފަދަ އާދަޔާހިލާފު ކަމެއް އަދި ފާހަގަވެފައި ނެތް ކަމަށެވެ.
"ރާއްޖޭގައި ވާ ގޮތަކީ އެކި މަސްތަކުގައި ވާރޭ ވެހޭ މިންވަރު އެބަ ތަފާތުވޭ. ހުޅަނގުގައި މިސާލަކަށް މެއި މަހު 500-600 މިލިމީޓަރުގެ ވާރޭ ވެހިދާނެ. ތަންކޮޅެއް 'ޑްރައި' މަސްތަކުގައި، ޖެނުއަރީ ނޫނީ ފެބްރުއަރީގައި 100 މިލިމީޓަރަށް ވެސް ވެހިދާނެ،" މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މިއަދު ވެސް [މިހާތަނަށް] ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އެބަހުރި 60 ނޫނީ އެއަށްވުރެ ގިނަ މިލިމީޓަރުގެ ވާރޭ ވެހިފައި. އެއީ އާދަޔާހިލާފު މިންވަރެއް ނޫން."
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވެސް ވަރަށް ބޯކޮށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވި ނަމަވެސް ވިއްސާރަ ކޮށްފާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
ގުޅުންހުރި ކަމެއް - ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިއަދު ގަދަކޮށްލައި ދެކުނުގެ ދެ އަތޮޅު ފިޔަވައި، އެހެން ހުރިހާ ސަރަހައްދަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
ކޮމެންޓް (1)
ބަރުޖޯރު