އިއްޔެއިން ފެށިގެން ކެލައަށް ކުރަމުން އަންނަ ވިއްސާރައިގައި މަގުތަކުގައު ފެންބޮޑުވެފައި.

މޫސުން

ކެލައަށް އަދިވެސް ވާރޭ ނުހުއްޓާ؛ ސްކޫލް ކިޔެވުން ވެސް ބަންދު

އެ ރަށުގައި ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓް ނުކުރި ނަމަވެސް 15 ވަރަކަށް ގެއަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށް ކައުންސިލަށް ރިޕޯޓްކޮށްފައިވޭ
13 އޯގަސްޓު 2024
1

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ހއ. ކެލާއަށް ވެހެން ފެށި ވާރޭ އަދިވެސް ނުހުއްޓައި އެ ރަށުގެ ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - މެޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ވަނީ ކެލައަށް ރެކޯޑް އަދަދަކަށް ވާރޭ ވެހިފަ އެވެ. އެ ރަށަށް އިއްޔެ:

  •  231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

  • އެއީ މިހާތަނަށް 24 ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދު

ތަފްސީލް - ކެލާ ކައުންސިލްގެ ވަގުތީ ސެކެޓްރީ ޖެނެރަލް ހަފީޒް މިއަދު ވިދާޅުވީ ވާރޭ އަދިވެސް ހުއްޓާނުލާ ކަމަށާއި ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ނުވި ނަމަވެސް، 15 ވަރަކަށް ގެއަށް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އިއްޔެއިން ފެށިގެން ކެލައަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި: ފެން ހިންދަން އެކި ދިމަދިމާއިން ވަނީ މޫދަށް ކޯރުކަނޑާފައި.

އޭގެ އިތުރުން، ހަފީޒް ވިދާޅުވީ:

  • އެންމެ ބޯކޮށް ވާރޭވެހުނީ ފަތިހު

  • މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުން؛ ކޯރި ކެނޑެން އޮތް ދިމާތަކުން މޫދަށް ވަނީ ކޯރު ކަނޑާފައި

  • ނަރުދަމާގެ ހޮޅިއެއް ފަޅައިގެން ގޮސް، މަގުތަކަށް ނަޖިސް ބޭރުވެ، އެކަން ހައްލުކުރަން ފެނަކަ އާއި ފުލުހުން ފަތިހުން ފެށިގެން މަސައްކަތް ކުރަމުން އެބަދޭ

  • ކައުންސިލުން ހިންގާ ޕްރީސްކޫލް އަދި ޝެއިހް އިބްރާހީމް ސްކޫލް ވެސް މިއަދު ކިޔެވުން ނުބާއްވާ

  • ސްކޫލް ކޮމްޕިއުޓާ ލެބްގައި ވަނީ ފެން ބޮޑުވެފައި

އިއްޔެއިން ފެށިގެން ކެލައަށް ކުރަމުން އަންނަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި.

ކެލާގެ އިތުރުން ހއ. އުލިގަމަށް ވެސް ވަނީ ގިނަ އަދަދަކަށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފަ އެވެ. އެ ރަށު ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފެން ހިންދަން މޫދަށް ވަނީ ކޯރު ކަނޑާފަ އެވެ. އަދި ގިނަ ގެތަކާއި ކައުންސިލް އިދާރާގެ އޮފީހަށް ވެސް ވަނީ ފެން ވަދެފަ އެވެ.

މެޓުން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި:

  • ދެ ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދުއަށް؛ އެއީ 177.5 މިލިމީޓަރުގެ ވާރޭ

  • ރ. އިފުރަށް 102 މިލިމީޓަރުގެ ވާރޭ ވެހުނު

  • މާލޭ ސަރަހައްދުން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް؛ އެއީ 12.9 މިލިމީޓަރުގެ ވާރޭ

އޭގެ އިތުރުން، މެޓުން ބުނީ:

  • އިއްޔެ އެންމެ ވައިގަދަވެފައި ވަނީ ފ. ނިލަންދުއަށް؛ އެ ރަށަށް ގަޑިއަކު 46 މޭލަށް ވައިގަދަވެފައިވޭ

  • ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ

  • ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ

އެނގުން މުހިންމު - މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ ދައްކާފަ އެވެ. އިއްޔެ އާއި މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވާރޭ ވެހެމުންނެވެ.

މެޓް އޮފީހުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ނަމަވެސް، މެޓް އޮފީހުން އިއްޔެ 'ދައުރު'އަށް ބުނީ އަލް ޖަޒީރާއިން ލަފާކުރާ ފަދަ އާދަޔާ ހިލާފު ކަމެއް އަދި ފާހަގަކުރެވިފައި ނެތް ކަމަށެވެ.

ކޮމެންޓް (1)

ޝުޖާއު

13 އޯގަސްޓު 2024
މެޓުގެ މޮނީޓަރިން ސިސްޓަމު ހުންނަ ރަށަކަށް ވާރޭ ވެހުނީމަ އެއީ އެންމެ ގިނައިން ވާރޭ ވެހުން ރަށަކަށް ނުވާނެ ދޯ. ހއ ގަ އަހަރުން މި އުޅޭ ރިސޯޓަށް އާދީއްތަ ދުވަހު ދަންވަރު ވާރޭ ވެހެން ފެށި ގޮތަށް އަދި އެންމެ ވަގުތުކޮޅަކަށް ވެސް ހުއްޓާ ނުލާ ވެހުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް