މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު 241 ކޮމިޓީން ހޯދަނީ

އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެ މައުލޫމާތު ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައި

އެއް ގައުމަކުން ރާއްޖެ ގެނެވޭނެ ބިދޭސީ މަސައްކަތްތެރިންގެ ލިމިޓް އުވާލުމަށް ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާ ކުރުމަށްޓަކައި، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ހޯދުމަށް އެ ބިލުގެ މަސައްކަތް ކުރަމުންދާ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވައި މިދިޔަ ބުދަ ދުވަހު ބަލައިގެންފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް 241 ކޮމިޓީން މިއަދު ވަނީ ފަށާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އޮތީ އެ ބިލުގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑަައެޅުމެވެެ.

ތަފްސީލު - އެ ތާރީހު ކަނޑައެޅުމުގެ ކުރިން ކޮމިޓީގައި ހިޔާލު ފާޅުކުރެއްވި ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވިދާޅުވީ، މި މަސައްކަތް ކޮމިޓީން ކުރާއިރު ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު އެ މީހުން ނިސްބަތްވާ ގައުމާ އެކު އެނގޭނެހެން ކޮމިޓީއަށް ލިބިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ:

  • މީގެ ކުރިން ހޯމްލޭންޑް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވެސް އެ ސުވާލު ކުރި

  • އެ އަދަދު "އަދިވެސް ކަށަވަރުވެފައި ނުވާތީ" އެ ސުވާލަށް ޖަވާބު ލިބިފައެއް ނުވޭ

"ނޫން ނަމަ [އެ އަދަދު ނޭނގޭ ނަމަ] މި ކަމުގެ ސަބަބުން ބައެއް ދާއިރާތަކުން ވަކި ދިމާލަކުން [އެއް ގައުމަކުން] މާ މީހުން ގިނަވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްލެއް އައުން ނުވަތަ ދާހިލީ ކަމެއް، ދާހިލީ ހަމަނުޖެހުމެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ސާފުކޮށްދިނުމަށް ކަމާ ބެހޭ މިނިސްޓްރީން ސާފުކޮށްދޭން އެދެން،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަންނާން (ކ) ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

ހައްނާންގެ އެ ކަންބޮޑުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ބިލު ދިރާސާ ކުރުމަށްޓަކައި އިދާރާތަކުން ހޯދަން އެދޭ މައުލޫމާތުތަކުގެ ތެރޭގައި ބިދޭސީންގެ އަދަދުތައް ހޯދުން ހިމެނޭނެ ކަމަށެވެ.

އެ ވާހަކަތަކުގެ ކުރިން، ބިލުގެ ސުންްގަޑިއާ ގުޅޭ ގޮތުން ސަލީމް ވިދާޅުވީ މިއީ މުހިންމު ބިލަކަށްވާތީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ނިންނަމަން އޭނާ ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. 

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު ސަލީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ނިމެނީ މި މަހުގެ 15 އަަށެވެ. ސަލީމް އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހުށަހެޅުއްވީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ކުރުމަށެވެ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއިދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން، 12 އިދާރާއަކުން މައުލުމާތު ލިޔުމުން ހޯދުމަށް ކޮމިޓީން މިއަދު ނިންމާފައިވެ އެވެ. އެ މައުލޫމާތު އަންނަ ހޮނިހިރު ދުވަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް އެދުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އިގްތިސާދީ ކޮމިޓީގެ ބަހެއް ހޯދަން މުގައްރިރު ބޭނުމެއް ނުވި

ކޮމިޓީގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން އިންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެދިވަޑައިގެންނެވީ، އާންމުންގެ ހިޔާލު ހޯދާއިރު މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ހިޔާލު ވެސް މިކަމުގައި ހޯދުމަށެވެ.

"ނޫން، ނޫން. މިހާރު ވެގެން އުޅޭ ގޮތަކީ، ވަޒިފާއާ ބެހޭ ގާނޫނޭ ބުންޏަސް މީގައި މި އަންނަނީ ބޮޑަށް ބިދޭސީންގެ ވާހަކަ. ބިދޭސީންނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެންމެ ގަފޫރު ވެސް ވިދާޅުވެއްޖެ. އެހެންވީމަ އެ މާނައިގައި ބޮޑަށް ގައުމީ ސަލާމަތަށް ފޮނުވާފައި މިއޮތީ،" ސަލީމް ވިދާޅުވި އެވެ.

"މީތި ހިނގާނީ މި ކޮމިޓީން. އަޅުގަނޑުމެން އިތުރު ކޮމިޓީއަކުން މީގައި މަޝްވަރާ ކުރާކަށް ނުޖެހޭ. އަޅުގަނޑުމެން ކޮމިޓީން މީތި ނިންމާލާނީ."

މި ސަރުކާރު އައި ފަހުން ބިދޭސީންގެ ކަންކަން ބަދަލުކޮށްފައި ވަނީ ހޯމްލޭންޑް މިނިސްޓްރީއަށެވެ. އެއާ އެކު، 241 ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި އެ މިނިސްޓްރީ ހިމެނެ އެވެ.

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން

ބިދޭސީންނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގަފޫރު ބައްދަލުވުމުގައި ވިދާޅުވި ކަމަށް ސަލީމް ވިދާޅުވި ނަމަވެސް، ސަލީމް އެ ވިދާޅުވި ފަދަ މޭރުމަކުން ގަފޫރު ރަސްމީ ބައިގައި ވާހަކަ ދައްކަވާފައެއް ނުވެ އެވެ. 

ގަފޫރު ވާހަކަ ދެއްކެވީ، ގާނޫނުގައި އެއް ގައުމަކުން ބިދޭސީންގެ ލިމިޓް އުވާލުމަށް އުޅޭތީ އެކަމާ ކަންބޮޑުވެވެވަޑައިގެންނެވެ.

"ކުރިން ވެސް [އެމްޑީޕީ ސަރުކާރުގައި އެ ލިމިޓް ގާނޫނުގައި ކަނޑައެޅީ] ވަރަށް ބޮޑަށް މަޝްވަރާކޮށްފައި އެކަން ކުރަން ޖެހުނީ. އެގޮތަށް ހަދަން ޖެހުނީ ލޭބާ މާކެޓް  %90އަށް ވުރެ މައްޗަށް އެއް ގައުމަކަަށް [ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު] ދާތީވެ، އެމީހުން މައްސަލައެއް ޖެހޭ ހިސާބުން މުޅި އެތި ޖެޕަޑައިޒް ވާނެތީ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިކަމަށް ވިސްނާފައި ގޮތެއް ނިންމަން،" ގަފޫރު ވިދާޅުވި އެވެ.

 އެނގުން މުހިންމު - އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު މިހާރު އޮންނަނީ ސީދާ ގާނޫނުގައި، އެއީ ގިނަވެގެން 100،000 މީހުން ކަމަށެވެ. ނަމަވެސް، އިސްލާހު ހުށަހަޅާފައި ވަނީ، އެ އަދަދު ގާނޫނުގައި ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައެޅުމަށެވެ.

އިސްލާހުގައި ބުނަނީ:

  • އެ ގަވައިދުގައި، އަހަރެއްގެ ތެރޭގައި ބިދޭސީންގެ ގެނޭވެނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނޭވެނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެ ކަމަށް

  • އެގޮތަށް ކަނޑައެޅުމުގައި، އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް