އޭލެވެލްއަށް ކިޔަވާ ދަރިވަރުންތަކެއް. އެޑިއުކޭޝަނުގެ އަމާޒަކީ ރަސްމީ ތައުލީމު ނިންމާ ގްރޭޑް 12 އަށް ހެދުން
އަމާޒަކީ ސްކޫލު ނިންމާ ގްރޭޑަކީ 12 އަށް ހެދުން: އެޑިއުކޭޝަން
އަމާޒަކީ ސްކޫލު ތައުލީމު ނިންމާ ގްރޭޑް، 10ގެ ބަދަލުގައި 12 އަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުރިން، ސްކޫލު ނިންމާ ގްރޭޑެއްގެ ގޮތުގައި އޮތީ ހަތެެކެވެ. އޭގެ ފަހުން ޖީސީއީ އޯލެވެލް ތައާރަފްކުރުމާ އެކު، މިއަދާ ހަމައަށް، ކުދިންގެ ރަސްމީ ތައުލީމު އޮންނަނީ 10އާ ހަމައަކަށެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ، ހުރިހާ ކުދިންނަކީ ވެސް އޭލެވެލްއަށް ކިޔަވާ ކުދިންނަށް ހަދައި، ރަސްމީ ތައުލީމު ގްރޭޑް 12 އާ ހަމައިން ނިންމާލުމެވެ.
ޕީއެސްއެމްގެ 'ހެނދުނުހެނދުނާ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވިގޮތުގައި އެ މިނިސްޓްރީގެ މަގްސަދަކީ އޭލެވެލް ވީހާ ވެސް ބޮޑަކަށް ފުޅާކުރުން ކަމަށެވެ. އޭރުން މިހާރު ހުރިހާ ކުދިން ވެސް އޯލެެވެލް ހަދައި، ގްރޭޑް 10އަކުން ސްކޫލު ނިންމާލާގޮތަށް، އޭލެވެލްއާ ހަމައަށް ނިންމާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މި ވިސްނުމުގައި އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އޭލެވެލްއިން ޖާގަ ދޭ ކްރައިޓީރިއާއަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ގްރޭޑް 10 ނިންމާ ހުރިހާ ކުދިންނަށް ވެސް، 11-12 އިން ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އަންނަ މަހު 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާއިރު، އާ ކްރައިޓީރިއާގެ ދަށުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި 23 ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ގިނަ އަދަދެއްގެ ކުދިންނަށް އޭލެވެލްގެ ފުރުސަތުދީ، އޭލެވެލް ފުޅާކުރުން،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ 21 ވަނަ ގަރުނުގެ ތައުލީމީ ނިޒާމު ބަދަލުވެގެން ދާއިރު، އޭލެވެލްއަކީ އެ ނިޒާމުގެ 'އެގްޒިޓް'އަށް ވާން ޖެހޭ ކަމަށެވެ. އަދި އޭލެވެލްގައި ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ދީގެން މަސައްކަތް ފެށީ ވެސް، މުސްތަގްބަލުގައި އެގޮތަށް ބަދަލު ކުރުމުގެ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުގައި އުމުރުން 18 އަހަރު ނުފުުރޭހާ ހިނދަކު ކުޑަކުދިންގެ ގޮތުގައި ބަލާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ އުމުރާ ހަމައަށް އަންނަން ދެން ކުދިން ސްކޫލުގެ މާހައުލުގެ ތެރޭގައި ބައިތިއްބައިގެން، އެ ކުދިން ތަރަައްގީ ކުރެވޭނެ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ.