އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަޒްމީ އަހުމަދު)

ނޫމަޑިއަށް ބަދަލު ދޭން ޖެހުނީ ރައީސް މުއިއްޒުގެ ބަޔާނުން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދިން 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ އަކީ 2018 ވަނަ އަހަރު އައި އެމްޑީޕީގެ ސަރުކާރުގެ ކުރިން އޮތް ދެ ސަރުކާރުގައި ހިންގި 'ޖަރީމާތަކަށް' ދިން ބަދަލު ކަމަށް

ރާއްޖޭގައި މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށް ބަދަލު ދޭން ޖެހުމަކީ ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވި ލަގާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

ނޫމަޑި އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނާއި ނަރުދަމާ އަދި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދަން ހަވާލު ކުރި ކުންފުންޏެކެވެ.

ވީ ކިހިނެއް؟ - 'ހަވަރު ބެރު'ގެ ނަމުގައި ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައިި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ނޫމަޑި އެއްބަސްވުން އުވާލެއްވުމުން ބޮޑު ބަދަލެއް ދޭން ޖެހުނީ އެމަނިކުފާނު ކަން ކުރެއްވި ގޮތުން ކަމަށެވެ.

ތަފްސީލް - ފައްޔާޒު ވިދާޅުވީ ދައުލަތުން އެކި ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައި ބަދަލު ދޭން ޖެހުނީ ވަރަށް ވިޔާނުދާކޮށް 2012 ވަނަ އަހަރު ނުވަތަ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަމަލުކޮށްފައި ހުރި ގޮތުގެ ސަބަބުން ކަމަށެވެ.

ނޫމަޑިއާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ ނުހައްގުން ކަމަށާއި ނެކްސްބިޒްއަށް ބޯޑަރު ކޮންޓްރޯލު ސިސްޓަމް ވިއްކާލުމަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ވެސް ބޮޑު އަދަދެއް ބަދަލުގެ ގޮތުގަައި ދޭން ޖެހުނު ކަމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެެ.

އޭނާ ވިދާޅުވީ:

  • ނެކްސްބިޒްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުން 18 މިލިއަން ޑޮލަރު (300 މިލިއަން ރުފފިޔާ) ބަދަލުގެ ގޮތުގައި ދޭން ޖެހުނު

  • ނޫމަޑިއަށް 55 މިލިއަން ޑޮލަރު (900 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދޭން ޖެހުނު

  • ފުށިދިއްގަރު ފަޅު ކުއްޔަށް ދިން އެއްބަސްވުން އުވާލުމުން 20 މިލިއަން ޑޮލަރު (350 މިލިއަން ރުފިޔާ) ދޭން ޖެހުނު

ފައްޔާޒު ވިދާޅުވީ، ނޫމަޑި އެއްބަސްވުން އުވާލީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކަމަށާއި ސިންގަޕޫރުގެ އާބިޓްރޭޝަނުގައި ދައުލަތާ ދެކޮޅަށް ހެކި ބަސް ވެސް ދެއްވި ކަމަށެވެ.

"އެބޭފުޅާ މި ވިދާޅުވަނީ ގޯސްކޮށޭ [އެއްބަސްވުން] ބާތިލް ކުރީ... 2.5 ބިލިއަނޭ އެ ވިދާޅުވާ އަދަދު އަޅުގަނޑަކަށް ނޭނގެ. އޭގެ ތެރެއިން ހަމަ ގައިމު ވެސް 900 މިލިއަނަކީ ނޫމަޑިއަށް، މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ލަގާއެއް،" އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް ޓާމިނޭޓު ކުރީ [އެއްބަސްވުން އުވާލީ] ގޯސްކޮށް. ދެން އައިސް، އާބިޓްރޭޝަނަކަށް ގޮސްފައި ނުޖެހޭ ދައުލަތާ އިދިކޮޅަށް އެބޭފުޅާ އަމިއްލައަށް ކޮށްފައި އޮތް ކަމަކަށް [އެއީ] ތިމަންނާމެން ގޯސްކޮށް ކުރި ކަމެކޭ ބުނާކަށް."

ފައްޔާޒު ވިދާޅުވީ އެމްޑީޕިގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދިން 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ އަކީ 2018 ވަނަ އަހަރު އައި އެމްޑީޕީގެ ސަރުކާރުގެ ކުރިން އޮތް ދެ ސަރުކާރުގައި ހިންގި ޖަރީމާތަކަށް ދިން ބަދަލު ކަމަށެވެ.

ކޮމެންޓް (2)

ފަޔާއަށް

31 ޖުލައި 2024
ފަޔާ ފޭލްވީމާ އަދިވެސް ތިޔައުޅެނީ މީހުން ބަދުނާމް ކުރަން. ފިސާރި ހިންގަން ބުނިމީހާ އަދި ދަނީ ބޯމަތިން.
3 1

ތެފައާސާ.

31 ޖުލައި 2024
މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ރައީސް މުއިއްޒުއާއި ސުވާލު ކުރީމާ އެންމެ ކުޑަމިނުން އެމަނިކުފާނުގެ ބަޔާން އާބިޓްރޭޝަނަށް ލާން ހަވާލުކުރީ ކާކާކަންވެސް ހަނދާންނެތްކަމަށް ބުނި، އޮން ދަ ރެކޯޑު. ބަޔާން ބަދަލުކުރަން މީހަކަށް ގުޅި ވާހަކަ ބުނޭ، ގުޅީ ކާކަށްކަންވެސް ނޭގޭކަމަށްވެސް ބުނޭ. ސަމްތިންގ ވެރީ ފިޝީ އިން ދިސް ހޯލް ޑީލް ބައި ރައީސް މުއިއްޒު. ނޫސްވެރިން މިކަން އިތުރަށް ބަލައި ދިރާސާކުރުން މުހިންމު.
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް