މީގެ ކުރިން ޕީޕީއެމް އިދިކޮޅުގައި އޮތް އިރު ބޭއްވި ޖަލްސާއެއްގެ ތެރެއިން ކުރީގެ ރައީސް (ވ) އަދި އޭރު އެ ޕާޓީގެ ނައިބު ރައީސް އަދި މިހާރު ރާއްޖޭގެ ރައީސް މުއިއްޒު (ކ): ރޭ ޔާމީން ވަނީ ރައީސް މުއިއްޒަށް ޗެލެންޖެއް ކުރައްވާފައި (ފައިލް ފޮޓޯ/ އަވަސް)
ޔާމީންގެ ޗެލެންޖެއް ރައީސަށް: އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން ކޮމިޝަނެއް އުފައްދަވާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމަށް، ކެރިވަޑައިގަންނަވާ ކަމުގައިވާ ނަމަ، ހާއްސަ މިނިވަން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމަށް ގޮވާލައްވައި، މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ރޭ ޔާމީން ޗެލެންޖު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ޗެލެންޖު ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން މި ފަހުން ރައީސް މުއިއްޒު ދައްކަވާފައިވާ ވަހާކަތަކަށް ރައްދު ދެއްވައި ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި މަހުގެ ކުރީ ކޮޅު ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި، ޔާމީންގެ ކެބިނެޓުގައި މިނިސްޓަރުކަން ކުރެއްވި އަދި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ސަރުކާރަކަށް ނުބެލި އޮތް އެމްްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުގައި ބަލާނެ ކަމަށެވެ. އެ ހިޔާނާތުގައި ބައިވެރިވި އެންމެން، އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް، ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތަފްސީލު - އެ ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އެ ފައިސާގައި ޖެހިފައި ތިބި ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލަން މި ސަރުކާރަކަށް ނުކެރޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވާ ގޮތަށް އެއްވެސް ބަޔަކަށް ނުކުރެވޭ މިންވަރަށް [މި ހިޔާނާތް ތަހުގީގު ކުރުން] މިކަން ކުރާނެ ކަމުގެ ހިތްވަރު ހުރި ކަމުގައި ވަންޏާ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޗެލެންޖުކޮށްފައި ދަންނަވާ ވާހަކައެއް... ކެރިވަޑައިގަންނަވަންޏާ، ގާނޫނުއަސާސީން އެ ލިބިދޭ އިހްތިޔާރުގެ ދަށުން ރިޔާސީ ކޮމިޝަނެއް ނަންގަވާ،" ޔާމީން ވިދާޅުވި އެވެ.
އެ ކޮމިޝަން އެކުލަވާލަން ޖެހޭ ގޮތް ވެސް ޔާމީން ވިދާޅުވެދެއްވި އެވެ. އެއީ:
-
އެ ކޮމިޝަންގައި ބަންޑާރަ ނައިބާއި ޕްރެސެކިއުޓާ ޖެނެރަލް އިންނެވިޔަސް މައްސަލައެއް ނެތް
-
ދެން ހިމަނަން ޖެހޭނީ ސަރުކާރާ ނުވަތަ ސަރުކާރުގެ ޕާޓީއަކާ ގުޅުމެއް ނެތް މިނިވަން މީހުން
"އެވަރުގެ ކޮމިޝަނެއް ނަންގަވައިގެން ރައްޔިތުން ބަލައިގަންނަ މައްސަލައަކަށްވާނެ. ދުވަހަކު ރާއްޖޭގައި ކޮރަޕްޝަން ބަލަން ނުކުރޭ ވަރަށް ބަލާނެ ކަމަށް ވަންޏާ އަޅުގަނޑު މި ނަގަނީ ޗެލެންޖެއް،" ޔާމީން ވިދާޅުވި އެވެ.
"[ރައީސް] މުއިއްޒު މިއަށް ޖަވާބު ދެއްވާ، މުއިއްޒު މިއަށް ޖަވާބު ދެއްވާ. މުއިއްޒަކަށް ނުބެލޭނެ މިކަންކަމެއް، މުއިއްޒަށް ނުބެލޭނެ މިކަންކަމެއް."
ޔާމީން އެގޮތަށް ވާހަކަދެއްކެވީ، މިހާރު މިކަމަށް ގާނޫނުން ކަނޑައަޅާފައިވާ މުއައްސަސާތަކުން ނުފޫޒެއް ނެތި މި މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ އެވެ. އެ ފުރުސަތު ނުދެވޭ ކަމުގައިވާ ނަމަ، މިފަދަ ކޮމިޝަނެއް އެކުލަވާލުމަށް ތަކުރާރުކޮށް "ޗެލެންޖު" ކުރެއްވި އެވެ.
މި ހިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ތިބި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތުން ތަހުގީގު މަރުހަލާގައި ލިބުނު މައުލޫމާތުގެ އަލީގައި، ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް އެކުލަވާލާފައި އޮންނާނެ ކަމަށް ގަބޫލުކުރެވޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެ ލިސްޓުގެ ސައްހަކަން އަދިވެސް ފުލުހުން އަންނަނީ ކަށަވަރުކުރަމުން ކަމަށެވެ. އެ ލިސްޓު ހާމަނުކުރެވިގެން އުޅޭ ސަބަބާ ގުޅޭ ގޮތުން ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"ފުލުހުންނަށް ކޮން ބާރެއްތޯ [ނުވަތަ] ކިހާ ވަރެއްގެ ގާނޫނީ އަސާސެއްތޯ އޮތީ އެ ލިސްޓު ފޮރުވައިގެން ގެންގުޅުމުގެ؟ ކީއްވެގެންތޯ ލިސްޓު ހާމަ ނުވެގެން އުޅެނީ؟ އެ ލިސްޓު ހާމަކުރާނަން ހެއްޔޭ،" ޔާމީން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ.
އަމިއްލަފުޅަށް އެ ސުވާލުގެ ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އެ ލިސްޓު ހާމަކުރުމުގެ ހިތްވަރެއް ދައުލަތުގެ އެއްވެސް މުއްސަސާއެއްގައި ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑެއް ހަމަ ގަބޫލެއް ނުކުރަން، މިހާރު މި އޮތް ސަރުކާރު އޮވެގެން [އަދި] މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް މުއައްސަސާކަށް [އެ ލިސްޓު ހާމަކުރަން ކެރޭނެ ކަމަކަށް]،" ޔާމީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީއަތްތައް އަދިވެސް ކޯޓުގައި އެބަ ހިނގަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ދޮރު ބަންދުވި ވޮޑަމުލާ މައްސަލައިގައި ހައި ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. އެ ހުކުމްގެ ބައެއް މި ހަފްތާ ތެރޭގައި ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުފާން ކޮށްފަ އެވެ.
އެނގުން މުހިންމު - ހިޔާނާތް ބެލުމަށް ކޮމިޝަނެއް ހެދުމަށް ޔާމީން ގޮވާލެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އެކަމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު ވެސް އެ ހިޔާނާތުން ގެއްލުނު އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައެއް ނުވެ އެވެ.
ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަން މި ސަރުކާރުން ވަނީ އުވާލާފަ އެވެ.
ކޮމެންޓް (1)
ސިކުނޑި