ރައީސް މުހައްމަދު މުއިއްޒު 'މާލެ ފަހި ޕްރޮގްރާމް' އިފްތިތާހުކޮށްދެއްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އިގްތިސޯދީ ހާލަތު ރަނގަޅުވުމުން ނޫނީ ބްރިޖުން ފީ ނުނަގާނަން: ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ޕާކިންގެ މައްސަލައަށް ހައްލު ހޯއްދަވައި ނުދެއްވާ، ބްރިޖުން ފީއެއް ނުނަންގަވާނެ

ސިނަމާލެ ބްރިޖާއި އެ ތަނާ ގުޅިފައިވާ މަގުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުވަތަ ޓޯލްއެއް ނަގަން ފެށުމާ ގުޅޭ ދިރާސާ ފެށި ނަމަވެސް، ގައުމާއި ރައްޔިތުންގެ އިގްތިސޯދީ ހާލަތު ރަނގަޅު ނުވަނީސް ފީ ނުނަންގަވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ވީ ކިހިނެއް؟- ބްރިޖާއި ގުޅިފައިވާ މަގުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމާ ގުޅޭގޮތުން އަންނަ މަހު ދިރާސާއެއް ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މާލެ ސަރަހައްދުގައި ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމަށް ރޭ ތައާރަފު ކުރި 'މާލެފަހި' ފްރޮގްރާމުގެ ދަށުން ނިންމާފައިވަނީ، ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެކަށީގެންވާ ފީއެއް ނެގުމަށެވެ.

ސަރުކާރުގެ މި ނިންމުމާ މެދު ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް، ރައީސް މިއަދު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

https://x.com/MMuizzu/status/1816419259725357373?t=LdtHCooycCSycgFmIaiXsQ&s=35

ތަފްސީލު- އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބްރިޖުން ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރޭގައި އިއުލާން ކުރި 'މާލެފަހި' ޕްލޭންގައި، ފީ ނެގުމާ ގުޅޭގޮތުން ދިރާސާ ކުރުމަށް ނިންމާފައިވަނީ، އެކަމުގެ ލަފާ ރައީސަށް އެރުވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ލިބޭ ފަންނީ ލަފާގައި ފީ ނަގަން ހުށަހެޅި ކަމުގައި ވިޔަސް، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާ ނުނިމެނީސް އެކަން ނުކުރައްވާނެ

  • އަދި އޭގެ ކުރިން ޕާކިންގެ މައްސަލައަށް ވެސް ހައްލު ހޯދައިދެއްވާނެ

  • އޭގެ އިތުރުން ގައުމާއި ރައްޔިތުންގެ އިގްތިސޯދީ ހާލަތު އެކަށީގެންވާ ފެންވަރަށް މަތިވުމުގެ ކުރިން ފީ ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވި

ފާހަގަ ކުރެވޭ - ޗައިނާގެ ހިލޭ އަދި ލޯނު އެހީގައި އެޅި ސިނަމާލެ ބްރިޖު 2018ގައި ބޭނުން ކުރަން ފެށުމުގެ ކުރިން ފީއެއް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ. ނަމަވެސް، ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުނެގުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް