މަލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

މުނައްވަރަށް ރުހުން ދިނުމާ މެދު ހޯމައިގެ ކުރިން ކޮމިޓީން ގޮތެއް ނިންމަނީ

މުނަވަރު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޗައިނާގައި

ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް އައްޔަން ކުރުމަށްޓަކައި ރުހުން ދިނުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ނުވަތަ އެއަށް ވުރެ ކުރިން ނިންމަން އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުންނެވި މުނައްވަރު، އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ފޮނުވީ އިއްޔެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރަން މަލިއްޔަތު ކޮމިޓީއަށް ފޮނުވުމާ އެކު، މިހާރު އެ ކޮމިޓީން ވަނީ އެ މަސައްކަތް ފަށާފަ އެވެ.

ތަފްސީލު - އެ މައްސަލައިގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މިވަގުތު މުނައްވަރު ރާއްޖޭން ބޭރުގައި ހުންނެވުމުން އިންޓަވިއު ތާވަލް ކުރެވެން ނެތް ކަމަށެވެ. އަދި އޭނާއަށް ރުހުން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް މައުލޫމާތު ސާފުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެއާ އެކު، މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މުނައްވަރު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޗައިނާގަ އެވެ.

މިއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއްތޮލިބު ކުރައްވާ ދަތުރެކެވެ. މި ދަތުރަށް ފަހު، އެ ބޭފުޅުން އެނބުރި ވަޑައިގަންނަވާނީ މާދަމާ އެވެ. 

ފަސް މަންޒަރު - ގަވަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާޝިމް އިއްޔެގެ ވަގުތެއްގައި ވަކިކުރުމާ ގުޅިގެންނެވެ. ރައީސް މުހައްމަދު މުއިއްޒު، ހާޝިމް މަގާމުން ވަކިކުރައްވާފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށް ބުނެ، ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރައީސްއަށް އިއްޔެ ދެއްވި ލަފައަކާ ގުޅިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް