ގަވަރުނަރު ކަމަށް އަލަށް އައްޔަން ކުރާ މުނައްވަރު އަދި އެ މަގާމުން މިއަދު ވަކިކުރި އަލީ ހާޝިމް

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކޮށްފި؛ މުނައްވަރު އައްޔަން ކުރަން ނިންމައިފި

އަލީ ހާޝިމް ވަކިކުރަން މަޖިލީހުން މިއަދު ލަފާ ދިނީ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުންނުދާ ކަމަށް ބުނެ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށް ރައީސްއަށް ލަފާދިނުމާ އެކު އޭނާ އެ މަގާމުން ރައީސް މުހައްމަދު މުއިއްޒު މިއަދު ވަކިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމާ އެކު އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައީސް ވަނީ އޭނާގެ ނަން މިއަދު މަޖިލީހަށް ފޮނުއްވައިފަ އެވެ. 

ފާހަގަކޮށްލެވޭ - މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުގެ ވޯޓާ އެކު އެވެ.

ތަފްސީލް - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން ރައީސްއަށް، އެމްއެމްއޭއަށް ގަވަރުނަރަކު އައްޔަން ކުރެވޭނީ މަޖިލީހުގެ ލަފަޔާ އެކު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވުމުގެ ކުރިން މުނައްވަރު ވަނީ އެމްއެމްއޭގައި ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. 

އެނގުން މުހިންމު - ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ހާޝިމް ޒންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ. 

މި މައްސަލައަށް ތިން ފަހަރެއްގެ މަތިން ޖަވާބުދާރީވުމަށްޓަކައި ކޮމިޓީއަށް ހާޒިރުވުމަށް އަލީ ހާޝިމްއަށް ފުރުސަތު ދިނެވެ. ނަމަވެސް އާލަސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ، ހާޒިރުވުމަށް އުޒުވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ލިޔުމުން އޭނާ ވަނީ ޖަވާބުރީވެވަޑައިގެންފަ އެވެ.

ހާޝިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުތަކަށް އަބަދުވެސް ލަފާދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ސަރުކާރުތަކުން އެމްއެމްއޭގެ ލަފާތައް އަޑު ނޭހުމުން މިއަދު ދިމާވެފައިވާ ހާލަތު ކުރިމަތިވީ ކަމަށް އަލީ ހާޝިމް ވަނީ ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް ގަވަރުނަރު ވަކިކުރުމާ ގުޅޭ މައްސަލައިގައި މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ޕީޕިއެމްގެ ގިނަ މެންބަރުން ވިދާޅުވީ ކުރީ ސަރުކާރުން ނިންމި ވަރަށް ގިނަ މާލީ ނިންމުންތަކުގައި ގަވަރުނަރު އަލީ ހާޝިމް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ. އަދި ހަރުދަނާ މާލީ ސިޔާސަތެއް ހިންގައި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ފިޔަވަޅު އެޅުމުގައި ގަވަރުނަރު އިހުމާލުވެފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. 

ކޮމެންޓް (1)

ސިކުނޑި

22 ޖުލައި 2024
ކަންކުރަން ނޭނގި / ނުކުރި ކަންކުރަން އުޅޭ ބައެއް މިނޫނީ ނުދެކެން! ކުރިންވެސް ހާޝިމް ވަކިކޮށްފަ މުނައްވަރަށް ދިންނަމަ ތިހުރިހާ ބޭކާރު ވާހަކައެއް ދައްކާކަށް ނުޖެހުނީސް! އަހަރުމެން ހިތްހަމަ ނުޖެހުނީމާ ވާނެ ވަރަކީމީ! ކޮމެންޓް ކޮއްލަކޮއްލާ ތިބޭނީ 5 އަހަރު ވަންދެން! މިކޮސްވެސް މިއޮތީ ހެދިފަވިއްޔާ! ދެންތިބެންތާ ޖެހޭނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް