އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ހަފްލާއެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްއޭގެ ގަވަރުނަރު ވަކިކުރަން ލަފާދޭން މަޖިލީހުން ފާސްކޮށްފި

އަލީ ހާޝިމް، މަގާމުން ވަކިކުރަން ލަފާ ދޭން ފަސްވީ 63 މެންބަރުންގެ ވޯޓުން

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން މިގޮތަށް ފާސްކުރީ ގަވަރުނަރު ވަކިކުރުމަށް ރައީސްއަށް ލަފާދޭން މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.

ތަފްސީލު - އަލީ ހާޝިމް، މަގާމުން ވަކިކުރަން ލަފާ ދޭން ފަސްވީ:

  • މިއަދުގެ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓާ އެކު

  •  ދެކޮޅަށް ވޯޓު ދެއްވީ 9 މެންބަރުން 

މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން، އޮތީ މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓަށް ބަހުސް ކުރުމެވެ. ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ކޮމިޓީގެ ނިންނުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިވަގުތަށް ކޮންމެހެން މުހިންމު ކަމެކެވެ. 

ޕީއެންސީގެ ބައެއް މެންބަރުން ވަނީ، ގަވަރުނަރު މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ.

އެމްޑީޕީގެ މެންބަރުން ވަނީ، މި މައްސަލައާ ދެކޮޅަށް ވާހަދައްކަވައިފަ އެވެ. އަދި މިއަދަކީ، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި 'ކަޅު ދުވަހެއް'ގެ ގޮތުގައި ސިފަ ކުރެއްވި އެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި އިގްތިސާދީ ދަތި ހާލަތެއް އޮތްވައި ގަވަރުނަރު މަގާމުން ވަކިކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. އަދި މިއީ ސަރުކާރުން އެދޭހާ ގޮތަކަށް ގަވަރުނަރު އަމަލު ނުކުރާތީ އަޅާ ފިޔަވަޅެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ގަވަރުނަރު އޭނާގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުދާ ކަމަށް ބުނެ މާލިއްޔަތު ކޮމިޓީއަށް މި މަހުގެ އެއް ވަނަ ދުވަހު މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރުން އަހްމަދު ނާޒިމް އެވެ.

މި މައްސަލައަށް ތިން ފަހަރެއްގެ މަތިން ޖަވާބުދާރީވުމަށްޓަކައި ކޮމިޓީއަށް ހާޒިރުވުމަށް އަލީ ހާޝިމްއަށް ފުރުސަތު ދިނެވެ. ނަމަވެސް އާލަސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ، ހާޒިރުވުމަށް އުޒުވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ލިޔުމުން އޭނާ ވަނީ ޖަވާބުރީވެވަޑައިގެންފަ އެވެ.

ތިން ފަހަރުގެ މަތިން ނޯޓިސް ފޮނުވައިގެން ވެސް ހާޒިރުވެވަޑައިނުގެންނެވުމުން، އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާ ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސް ކުރީ މި މަހު 17 ވަނަ ދުވަހު އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.

ނާޒިމް ހުށަހެޅުވި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:

  • ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފައި؛ އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައި

  • ސަރުކާރުން މިހާރު ފައިސާ ހޯދަމުންދަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމަކުން ނުގެންދަވާ

  • ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އިސްލާހުކޮށްފައެއް ނުވޭ

  • މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަސް ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރަށް ލަފާ ދިނުމާއި އެ މަގުސަދުތައް ހާސިލުކުރުމަށް އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައެއް ނުވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް