އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، 'ފަވަރަ' ޕޭމަންޓް ސިސްޓަމް އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ގަވަރުނަރު ވަކިކުރަން ލަފާ ދޭން ކޮމެޓީން ފާސްކޮށްފި
ގަވަރުނަރު އަލީ ހާޝިމް އެމްއެމްއޭގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ އޭނާ މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދެންމެއަކު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
ތަފްސީލް - މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް، ގަވަރުނަރު މަގާމުން ވަކިިކުރުމަށް ރައީސް މުއިއްޒަށް ލަފާ ދޭން ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ، މި މައްސަލަ މި މަހުގެ ކުރީކޮޅު ކޮމިޓީއަށް ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
"އަޅުގަނޑުމެން މިގޮތަށް ބަލަހައްޓައިގެން އެއްވެސް ކަމެއް ނުކޮށް ގަވަރުނަރާ ދޭތެރޭ މިގޮތަށް ތިބުމަކީ ގައުމީ ނަޒަރަކުން ވިސްނާއިރު ވަރަށް ދެރަ ގޮތެއް ދިމާވެދާނެ މައްސަލައެކޭ. މި ހުށަހެޅި ހުށަހެޅުމުގައި ބުނެފައި މިއޮތީ އަޅުގަނޑުމެން ބޭނުމޭ އިތުރު ތާޒާކަމާއި އާރޯކަން އެތަނުގެ ލީޑާޝިޕަށް ގެންނަން،" ގަވަރުނަރު ވަކިކުރަން ފެންނަ ކަމަށް ލަފާ ދޭން ހުށަހަޅުއްވަމުން ނާޒިމް މިއަދު ވިދާޅުވި އެވެ.
ގަވަރުނަރު ވަކިކުރަން ކޮމެޓީއަށް ފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށް ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެނގުން މުހިންމު - ގަވަރުނަރު ވަކިކުރުމަށް ރައީސްއަށް ދެންނެވުމަށް ކޮމެޓީން ފާސްކުރި އިރު، އޭނާ މަގާމުން ވަކިކުރުމަށް ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލައިގައި ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ވަޑައިގެންފައެއް ނުވެ އެވެ.
އާލާސްކަންފުޅާ އުޅުއްވާތީ ކޮމެޓީ ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްކަން އެންގެވި ނަމަވެސް، އޭނާއަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދިވަޑައިގެން ގަވަރުނަރު ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ކޮމެޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ގަވަރުނަރުގެ އަރިހުން ކޮމެޓީން ސާފުކުރަން ބޭނުން އިތުރު ކަމެއް އޮތް ނަމަވެސް ލިޔުމުން ޖަވާބު ދިނުމަށް ފުރުސަތު ދޭން ގަވަރުނަރު އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ލިޔުމުން ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދޭން ވެސް ނުފެންނަ ކަމަށް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ގަވަރުނަރު ވަކިކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.
ފަސްމަންޒަރު - ގަވަރުނަރު ހާޝިމް އޭނާގެ މަގާމުގެ ޒިންމާ އަދާ ކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، މި މަހުގެ 1 ވަނަ ދުވަހު ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއެވެ. އެ މައްސަލައިގައި އޭނާ ފާހަގަކުރައްވާފައިވާ ކަންކަމަކީ:
-
ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފައި؛ އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައި
-
ސަރުކާރުން މިހާރު ފައިސާ ހޯދަމުންދަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމަކުން ނުގެންދަވާ
-
ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އަދާހަމަކޮށްފައެއް ނުވޭ
-
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަސް ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރަށް ލަފާ ދިނުމާއި އެ މަގްސަދުތައް ހާސިލުކުރުމަށް އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައެއް ނުވޭ
ކޮމެންޓް (1)
ހިމާރުލްގައުމު