ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
މެންބަރުން ގޮވާލީ ގަވަރުނަރު ހާޝިމް ބައިޑެން ގޮތަށް އަމިއްލައަށް އެއްފަރާތްވާން
މިހާލަތުގައި އެންމެ ރަނގަޅުގޮތަކީ ގަވަރުނަރު އަލީ ހާޝިމް އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައި އެއްފަރާތަކަށް ޖެހިލެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެންބަރުން މިހެން ވިދާޅުވީ ގަވަރުނަރު އަލީ ހާޝިމް ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ އޭނާ މަގާމުން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދު ގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވިދާޅުވީ އެންމެ ރީތި ގޮތަކީ ގަވަރުނަރު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވުން ކަމަށެވެ.
ބައިޑެންގެ ނިންމެވުމުން މިސާލު ނަގަން ޖެހޭ
އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާދޭން ނިންމާފައިވާ ނިންމުމަށް ތާއީދުކުރާ ކަމަށާއި އެ ކޮމެޓީން އެގޮތަށް ނިންމާނީ ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގަވަރުނަރުގެ ޒިންމާއަކީ އެ ގައުމެއްގެ މާލީ ސިޔާސަތުތައް ކުރިއަރުވާނެ ގޮތާއި ހިންގާނެ ގޮތާއި އެކަންކަން އެންމެ ރަނގަޅަށް ކަނޑައަޅާނެ އުސޫލުތަކާއި ހަމަތައް ބަލައި ދިރާސާތައްކޮށް، ދައުލަަތަށް ދޭންޖެހޭ އެންމެ މުހިންމު ލަފަޔާއި އިރުޝާދު ދިނުން ކަމަށެވެ.
"މާލިއްޔަތު ކޮމެޓީގެ މުގައްރިރު ގާސިމް އިބާރާހީމަކީ މިރާއްޖޭގައި މާލީ ސިޔާސަތު އެންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅާ، އަމަލީ ގޮތުން އަމިއްލަ ވިޔަފާރީގައި އަމިއްލަ ކަންކަމުގައި ސާބިތުކޮށްދީފައި ހުރި ބޭފުޅެއް. މާލިއްޔަތު ކޮމެޓީގެ މުގައްރިރު، އެބޭފުޅާ އިސްވެ ހުންނަވައިގެން އެ ވިދާޅުވަނީ ގަވަރުނަރު ކުފޫހަމައެއް ނުވެއޭ އެމަގާމަކަށް، ގަވަރުނަރު ވެސް އެއްބަސްވެވަޑައިގަންނަވާ އެކަމަށް، ބައްލަވާ ދުނިޔެއަށް، ރީތި ނަމޫނައަކަށް ބަލާ އެމެރިކާގެ ރައީސް ޖޯ ބައިޑެން. އުމުރުފުޅުން 81 އަހަރުފުޅުވީމަ އަމިއްލައަށް ވިސްނިވަޑައިގަތީ ތިމަންނައަކަށް މިކަމެއް ނުވެއޭ އެހެންވީމަ ދެން ދައުރަކަށް ކުރިމައްޗެއް ނުލައްވާނަމޭ،" ފަލާހް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީއަށް ގަވަރުނަރު ހާޒިރުވަޑައި ނުގެންނެވުމުން އެކަމަށް ފާޑު ވިދާޅުވަމުން ފަލާހު ވިދާޅުވީ ޒިންމާ އަދާނުކުރެއްވޭ ކަމަށް ގަވަރުނަރު އަމިއްލަފުޅަ ށްވެސް ގަބޫލުކުރައްވަނީ ތޯ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.
"އަމިއްލަފުޅަށް ހަގީގަތުގައި ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވެވަޑައިގެންނެވީ ތިމަންނައަކަށް މިކަމެއް ނުވެޔޭ އެހެންވީމަ މާލިއްޔަތު ކޮމެޓީން ތިޔަ ނިންމާ ނިންމުމަށް ތާއީދުކުރަމޭ ތިމަަންނަ ގަބޫލުކުރަމޭ،" ފަލާހު ވިދާޅުވި އެވެ.
ގަވަރުނަރަކަށް ހުންނެވީ ކޮން ބޭފުޅެއްކަން ރައީސް ޑރ މުހައްމަދު މުއިއްޒަށް މުހިންމު ނޫންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެމަނިކުފާނު އަދި ރާއްޖެ ވެސް މިއޮތީ ރަނގަޅު، އިހުލާސްތެރި ގަވަރުނަރަކަށް ބޭނުންވެފައިކަމަށެވެ.
މީގެ އިތުރަށް އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ދަށް ހާލަތަކަށް ވައްޓާލުމުގައި އެމްޑީޕީން ސަރުކާރުން ކުރި ކަންކަމުގައި ގަވަރުނަރު ވަނީ ބައިވެރިވެފަ އެވެ.
"ގަވަރުނަރު އަމިއްލަފުޅަށް ވިދާޅުވެފައި އެބައޮތް މިދިޔަ ދެ އަހަރު ސަރުކާރަށް ވަރަށް ގިނަ ލަފާފުޅުތައް އެރުވީމޭ ފައިސާ ޗާޕުނުކުރަން، ތަކުރާރުކޮށް ދެންނެވީމޭ. އަޅުގަނޑުގެ ސުވާލަކީ އެ ލަފާފުޅު އެކަނި ދެއްވުމަކުން އެލަފާފުޅަށް ސަރުކާރުން އަމަލުނުކޮށްފިއްޔާ ގަވަރުނަރުގެ ޒިންމާއަކީ އިސްތިއުފާ ދީފަ ވަޑައިގަތުން. އެތަނުގައި ހުންނަވައިފިކަމަށްވަންޏާމުން އެކަންކުރުމުގައި ގަވަރުނަރަށް އެ ބައިވެރިވެވުނީ،" ފަލާހު ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވެސް ވިދާޅުވީ ދިވެހި ދައުލަތް މާލީ ގޮތުން މިހާރު އޮތް ހާލަތުގެ ޒިންމާ ގަވަރުނަރު ނަގަންޖެހޭނެ ކަމަށެވެ. އެ ޒިންމާ ނަގަން ޖެހޭނީ ހާޝިމްގެ އިތުރުން އެމްޑީޕީން ސަރުކާރުން ކަމަށް ތޯރިގު ވިދާޅުވި އެވެ.
ގަވަރުނަރު މަގާމުން ވަަކިކުރާ ހިސާބަށް ރާއްޖޭގެ ހާލަތު ދިޔައީ ކީއްވެގެންތޯ ރައްޔިތުން ސުވާލު އުފައްދާނޭ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. މިިދިޔަ ސަރުކާރުން 7.6 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެހުރިހާކަމެއް ވެސް ކުރީ ގަވަރުނަރު ހުރެގެން ކަމަށެވެ.
"އެމްއެމްއޭގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި %60ގައި ޑެބިޓް [ދަރަނީގެ] ރޭޝިއޯ ހިފަހައްޓަން އޮތީ. އެ އަދަދު 120 ޕަސެންޓަށް އަރައިގެން ދިޔައިރު ވެސް އެމްއެމްއޭގެ ގަވަރުނަރު ހަމަ މަޑުމަޑުން ހިންގަވާފައި މަޑުމަޑުން ހުންނަވަނީ،" ތޯރިގު ވިދާޅުވި އެވެ.
"އެބޭފުޅާ އެންގެވިގޮތަށް ސަރުކާރުން [އޭރުގެ] އަމަލު ނުކުރީމަ ދުރަށްޖެހިވަޑައިގަންނަވާ. ކޮބައިތޯ އެތިކްސް، ކޮބައިތޯ އުސޫލުތައް، ދިވެހި ދައުލަތެއް ބަނގުރޫޓުވީ ހިސާބަށް ދިޔައިރު ގަވަރުނަރު ޒިންމާއެއް ނުނަންގަވާ ހަމައެކަނި ލިޔުމުން ފޮނުވާލަނީ މާލިއްޔަތު ކޮމެޓީއަށް އެންމެ ރަނގަޅީ ދައުލަތުން ހަރަދުކުޑަކުރުމޭ."
އެގޮތަށް ލަފާދިނުމަށް ފަހު އެމްއެމްއޭ އިން ބޮޑެތި އަދަދުތަކުން އޭރުގެ ސަރުކާރަށް ފައިސާ ދޫކޮށްފައިވާކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ގައުމުގެ އިގްތިސާދު މިހިސާބަށް އައުމުގެ ޒިންމާ ގަވަރުނަރު ނަގަން ޖެހޭނެ ކަމަށެވެ.
"ގަވަރުނަރު ލަފާއެރުވިކަމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި އެބަވޭ. އެލަފަޔާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އަމަލުނުކުރާކަމުގައިވާ ނަމަ އޭނާގެ ކަންފަތުގައި ހިފާފައި އޭނާ އެބަޖެހޭ މަގާމުން ދުރުކުރަން، މިއީ ގައުމަށް އިހުލާސްތެރިވުމަކީ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއުގެ ވާހަކައިގައި ވެސް ކޮވިޑުގެ ދުވަސްވަރު ރާއްޖޭގެ އިގުތީސާދީ ހާލަތު ދަށްވެގެން ދިޔައިރު ރައްޔިތުން ގޭބަންދުކޮށް، ދައުލަތުން ވައްކަންތައް ކުރަމުންދިޔަކަމަށް ތުހުމަތުކުރެއްވި އެވެ.
"އޭގެ އެންމެ އިސްދައުރެއް އަދާކުރީ އަދި އެންމެ ހިތްވަރުދެއްވި މީހަކީ ގަވަރުނަރުކަމަށް އަޅުގަނޑުމެން ތުހުމަތުމިކުރަނީ، އެހެން ނޫންނަމަ އެމަނިކުފާނު ވަޑައިގަންނަވަންވީ ނޫންތޯ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީއަށް ގަވަރުނަރު ވަޑައިނުގަތުމުން އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމަށް އިހުލާސްތެރިކަމެއް ނެތްކަން ސާފުވާ ކަމަށެވެ.
"ގާސިމްގެ ކޯލަކަށް ވެސް އެ މަނިކުފާނު ޖަވާބެއް ނުދެއްވާ. މީގެން ދޭހަކޮށްދެނީ ގައުމެއް މިހާހިސާބަށް ގެނައުމުގައި މިއަދާހަމައަށްވެސް ގަވަރުނަރުގެ ބޭނުމަކަށްވީ މިގައުމު އިތުރަށް ފުނޑާލުމުގައި އެމަނިކުފާނު ވެސް ބައިވެރިވުން ކަމަށް އަޅުގަނޑުމެން ތުހުމަތު ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.
ގަވަރުނަރުގެ ޒިިންމާ އަދާނުކުރައްވާކަން ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ ފިސްކަލް ޕޮލިސީ އަދި މަނިޓަރީ ޕޮލިސީގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ވެސް ހުރީ ނުހަދާ ކަމަށެވެ.
"ކީއްވެގެން އޭނަ ބަހައްޓަންވީ، އޭނަ ބަހައްޓައިގެން ނުވާނެ އިއްޒަތްތެރި ރައީސް، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް. މިއީ ގައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތުގެ ޒިންމާ ގަވަރުނަރު ނަގަން ނުޖެހޭ: އެމްޑީޕީ
ޕީއެންސީ މެންބަރުންގެ ވާހަކައަށް ދެކޮޅު ހައްދަވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުންގެންދެވީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ޒިންމާ ގަވަރުނަރު ނަގަން ނުޖެހޭ ކަމަށެވެ.
"މި މަޖިލީހުގައި ވާހަކަ ދައްކަވާ ގިނަ މެންބަރުންގެ ވާހަކައިން އަޅުގަނޑަށް ދޭހަވާ އެއްޗަކީ ހުރިހާ ނުބަޔަކީ ގަވަރުނަރުކަން. އެހެނެއް ނޫން އެކަން އޮތީކީ،" ގަވަރުނަރު ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕުކުރީ ކޮވިޑުގެ ހާލަތުން އަރައިގަންނަން ކަމަށާއި އެދުވަހު އެހެން އެއްވެސް ގޮތެއް ނެތް ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ކޮވިޑުން އެންމެ ފުރަތަމަ އަރައިގަތް ގައުމަކަށް މިގައުމު އަޅުގަނޑުމެން ހެދިން. އެކަން ހިނގާދިޔައީ އެގޮތަށް. މިއީކީ ފައިސާ ޗާޕުކުުރުމާއި ގާނޫނު ހެދުމާއި ގާނޫނަށް އަމަލުކުުރުމާއި އެހުރިހާ ކަމަކީ ގަވަރުނަރު ކުރާކަމެއް ނޫން،" ގަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ޗާޕްނުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެމްއެމްއޭއިން ޖެހޭނީ އެކަން ކުރަން ކަމަށާއި އެމްއެމްއޭ ހިނގަނީ މަޖިލީހުން ހަދާފައިވާ ގާނުނެއްގެ ދަށުން ކަމަށެވެ.
"އެހެންވީމަ ހިނގާދިޔަ ހުރިހާ ކަމެއްގައި ގަވަރުނަރުގެ ޒިންމާއޭ ކިޔާފާ އަޅުގަނޑުމެން ވާހަކަ ދެއްކުމަކީ އިންސާފުވެރި ގޮތްތޯ އަޅުގަނޑު ހަމަ ސުވާލު އުފެދޭ،" ގަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔައިރު ރާއްޖޭގެ އިގްތިސާދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޓޫރިޒަމުން ރާއްޖެއަށް އާމްދަނީ ވަންނަމުން ދިޔައީ މީގެކުރިން ނުވަންނަ މިންވަރަށް ކަމަށެވެ.
"ހުރިހާ އިގްތިސާދީ އިންޑިކޭޓަރުތައް ހުރީ ރަނގަޅަށް، ޓޫރިޒަމް ކުރިއަރައިގެން ދިޔަ. އިއްޒަތްތެރި ރައީސް، އެހެން ނަމަވެސް މިއަދު އިގްތިސާދަށް މިއަންނަ ބަދަލުތަކީ ކުރީ ސަރުކާރުތަކުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން،" ގަފޫރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި މައްސަލައަކީ މިސަރުކާރުގެ ހަރަދުބޮޑުވުން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ބަޖެޓެއް ފާސްކޮށް މިސަރުކާރާ ހަވާލުކުރުމުން މެނޭޖްކުރަން ނޭނގުނީ ކަމަށެވެ.
"ނޭނގުނު މި މެނޭޖްކުރާކަށް ނޭނގުނު މިކަން ކުރާނެ ގޮތެއް، ފަށާނެ ތަނެއް ވެސް ނިންމާނެ ތަނެއް ވެސް ނޭނގުނު. ނޭނގުނީމަ ކޮންމެސް މީހެއްގެ ބޮލަށް ކަނޑާލަނީ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު ބަދަލުކޮށް އެހެން ގަވަރުނަރެއް ގެނައީމަ ކުރެވޭނެތޯ؟،" ނާޒިލް ސުވާލު އުފެއްދެވި އެވެ.
ނާޒިލް ވަނީ ހުރިހާ ވެސް މައްސަލައަކީ މި ސަރުކާރަށް ފައިސާ މެނޭޖްކުރަން ނޭނގުން ކަމަށް ބުނެ އެކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މިިދިޔަ ސަރުކާރުން ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު މެނޭޖްކޮށްފައިވާ ގޮތަށް ވަނީ ތައުރީފް ކުރައްވާފަ އެވެ.
މިހާރު ރައީސް މުއިއްޒަށް އިހުލާސްތެރިކަމާ އެކު ގައުމުގެ އިގްތިސާދު މެނޭޖްކޮށްދެއްވާނެ ބޭފުޅަކު ރައީސްގެ އަރިހުގައި ނެތްކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"ރައީސް އެބަޖެހޭ ވިސްނާވަޑައިގެން އެކަން އެހެން ގޮތަކަށް ކުރައްވަން. ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކޮށްދޭނެ ބޭފުޅުން ނެތީ، ރައީސް އެކަން ކުރައްވާނެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސަށް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާ ކޮބައިކަން ކޮންބައެއްކަން މިކަން ކުރަނީ. އެހެންވީމަ ރައީސަށް އެބައޮތް ފުުރުސަތު ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުން ބަދަލުކޮށް ރައީސަށް އިހުލާސްތެރި ބޭފުޅުން އެތަނަށް ގެނައުމުގެ ފުރުސަތު، ރައީސް އޮފީހުން އެކަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާއަށް،" ވާހަކަ ނިންމާލައްވަމުން ނާޒިލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ކޮމެންޓް (1)
މަޖިލިސް