ފިނޭންސްގެ އެޑްވައިޒަރު އަހްމަދު މުނައްވަރު: އޭނާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ވަނީ ފޮނުއްވާފަ (ފޮޓޯ/ރައީސް އޮފީސް)

އާ ގަވަރުނަރު މުނައްވަރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ހާޝިމް އިއްޔެ ވަކިކުރުމާ ގުޅިގެން

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު، ނަންފޮނުއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނަވަރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ގަވަރުނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާޝީމް، އިއްޔެގެ ވަގުތެއްގައި ރައީސް ވަކިކުރެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުންނުދާތީ ކަމަށް ބުނެ، ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ދެއްވި ލަފައަކާ ގުޅިގެންނެވެ.

އެއާއެކު، މިނިސްޓަރު ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު މުނައްވަރު އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ވަނީ އިއްޔެ މަޖިލިހަށް ފޮނުއްވާފަ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް އެކަމާ ގުޅިގެން ފޮނުއްވި ސިޓީ އިއްވާފަ އެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވިކަން އިއުލާންކުރައްވާފަ އެވެ.

ގުޅުން ހުރި - އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުގެ ވޯޓާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް