އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އޭލެވެލްގެ ފުރުސަތު ދެނީ
ރާއްޖޭގައި އަންނަ އަހަރުން ފެށިގެން، ގްރޭޑް 10 ނިންމައި އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް، އޭލެވެލްގެ ފުރުސަތު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ ރާއްޖޭގެ ދަރިވަރުންގެ ތައުލީމަށް ސަރުކާރުން އަހަރަކު 40 ބިލިޔަނެއްހާ ރުފިޔާ ހޭދަކުރާ ކަމަށާއި އެކަމަކު އޭގެތެރެއިން ސްކޫލު ނިންމައި ފެންވަރު ރަނގަޅު މަތީ ތައުލީމާ ހަމައަށް ދެވެނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއުޅެނީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން ފެންވަރު ރަނގަޅު ޔުނިވަސިޓީ ތައުލީމާ ހާސިލްކުރުމަށް 2،500އެއްހާ ދަރިވަރުން ފާސްނުކުރެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މި ސަރުކާރުން ވަނީ އޭލެވެލްގެ ފުރުސަތު ފުޅާކުރުމަށް ނިންމާފަ އެވެ. އެގޮތުން:
-
މުޅިން އަލަށް 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާނެ
-
އޯލެވެލްގައި އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ދެން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ
"އިރާދަކުރެއްވިއްޔާ ގްރޭޑް 10 ނިންމާ ހުރިހާ ކުދިންނަށްހެން ދެން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ، އޯލެވެލްއިން ފަސް މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވެފައިވާ ނަމަ އެވެ. އެކަމަކު ވަރަށް ފަހުން ވަނީ ފާސްވާ ނިސްބަތް ތިން މާއްދާއަށް މަދުކޮށް، އިތުރު ފުރުސަތު ހުޅުވާލާފަ އެވެ.