މަޖިލީހުގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ބާ ކައުންސިލްގައި އޭޖީ ނުހިމެނުމަކީ ރައީސްގެ ބާރުތައް ހަނިކުރުން: ގާސިމް

ގާސިމް ވިދާޅުވި ގޮތުގައި އޭޖީ ބާ ކައުންސިލްގައި އިންނެވުމަކީ މުހިންމު ކަމެއް

ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް، ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި ބަންޑާރަނައިބު ނުހިމެނޭ ގޮތަަށް ހެދުމަކީ ރައީސްގެ ބާރުތައް ކުޑަ ކުރުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް މިގޮތަށް ވިދާޅުވީ، މަޖިލީހުގައި މިއަދު ބަހުސް ކުރަން ފެށި، ސަރުކާރުގެ ފަރާތުން ހުށަަހަޅާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ބިލުގައި މައިގަނޑު ކަމަކަށް އޮތީ، ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ހެދުމެވެ. އެ އިސްލާހަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން ތާއީދުކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް، ގާސިމް ވާހަކަ ދެއްކެވީ އެ އިސްލާހާ ދެކޮޅަށެވެ.

ގާސިމް ވިދާޅުވީ، އަދުލު އިންސާފު ގާއިމް ކުރެވޭނީ މިފަދަ އިސްލާހެއް ގެނެސްގެން ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. 

"[ބާ ކައުންސިލްގައި] ބަންޑާރަނައިބު އިންނެވުމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް އަޕްޑޭޓް އިންފޮމޭޝަން ލިބުމުގައި މުހިންމު، ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ސިފަ ކުރެއްވި ގޮތުގައި، މިއީ ރައީސްގެ ބާރުތައް ކުޑަކޮށްލާ ފަދަ އިސްލާހެކެވެ. 

"އަޅުގަނޑު ހަމަ ވަރަށް އާދޭހާ އެކީގައި ދަންނަވާނީ އެމަނިކުފާނާ ހަވާލުކޮށްފައި ހުރި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކުޑަކޮށް، ނިންމާލުމަކީ އަޅުގަނޑުމެން މަޖިލީހުން ބާރުވެރިކަން ހޯދުމުގައި އެމަނިކުފާނުގެ ކޮސްމެޓިކް އާދެ، ލޯބީގެ ކަތުރަކުން ކަފާލަން ވިސްނުމަކީ އެއީ އެއްގޮތަކަށް ވެސް އަދި ރަނގަޅު ގޮތެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

"ލޯބީގެ ކަތުރަކުން ކަފާލުމަކީ އިސްލާހުވުމެއް ނޫން."

ގާސިމް ވިދާޅުވީ، އިންސާނަކު ރަނގަޅަށް ކަންތައް ކުރުމާއި ނުކުރުން ބިނާވަނީ ގާނޫނުގައި އެކަން ކަނޑައަޅައިގެން ނޫން ކަމަށެވެ. އަދި މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުން ނަމަ ކޮންމެ ގޮތަކުން ވެސް އެ ބޭފުޅަކު އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަމެއް އިސްލާހު ކުރެވޭނެ ގޮތަކީ ހުރިހާ ބާރުވެރިކަމެއް ދޫކޮށްލުމެއް ނޫން. އިހްލާސްތެރި ނިޔަތެއް، އިހްލާސްތެރި ނިޔަތެއް ނެތް މީހަކަށް ކަމެއް ރަނގަޅަށް ނުކުރެވޭނެ،" ރައީސް މުހައްމަދު މުއިއްޒު އިހްލާސްތެރި ނިޔަތުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ބާ ކައުންސިލްގައި ބަންޑާރަނައިބު ހިމަނަން ނުޖެހޭ ކަމަށް މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އުޝާމް ވެސް ގަބޫލު ކުރައްވަ އެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކު ކައުންސިލްގައި އިންނެވުމަކީ އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި، އެ ކައުންސިލަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް