ބަންޑާރަ ނައިބު އަހްމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބަންޑާރަ ނައިބު ނުހިމަނައި ބާ ކައުންސިލް އެކުލަވާލަން ގާނޫނު އިސްލާހު ކުރަން ހުށަޅައިފި

ބަންޑާރަ ނައިބު އެ ކައުންސިލްގައި ނުހިމެނޭ ގޮތަަށް ހަދަނީ ކައުންސިލަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ބިލުގައި ބުނޭ

ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތަފްސީލު - ބިލު ހުށަހަޅާ މަގްސަދެއް ކަމަށް ބުނެފައި ވަނީ، އެ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މީހުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުމެވެ. އެގޮތުން މި އިސްލާހު ހުށަހަޅާފައިވަނީ:

  • ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަ މީހަކު އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ގާނޫނުން އުނިކުރުމަށް

  • ކައުންސިލަށް ހަތް ވަކީލުން އިންތިހާބު ކުރުމަށް؛ މިހާރު ގާނޫނުގައި އޮންނަނީ، ހަ ވަކީލުން އިންތިހާބު ކުރާ ގޮތަށް

ބަންޑާރަ ނައިބު އެ ކައުންސިލްގައި ނުހިމެނޭ ގޮތަަށް ހަދަނީ، އެއީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުސިލަކަށް ހެދުމަށް ކަމަށް ވެސް ބިލު ހުށަހާޅާ ސަބަބުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ މި ބިލު މަޖިލީހުން ފާސްކުރުމުން ރައީސް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެންނެވެ.

އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް އިސްލާހުގައި ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް