ބަންޑާރަނައިބުގެ އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަހުމަދު އުޝާމް

ބާ ކާއުންސިލްގައި އޭޖީ ހިމެނީ އޭރު ކޮންޓްރޯލް ކުރަން ބޭނުން ވެގެން: އުޝާމް

ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ވަނީ، ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ބާ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައި

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ(އެކްސްކޯ)ގެ މެންބަރެއްގެ ގޮތުގައި ބަންޑާރަނައިބު ހިމެނޭ ގޮތަށް 19 ވަނަ މަޖިލީހުގައި ގާނޫނީ ފަންނުގެ ބިލު ފާސް ކުރީ، އެ ކައުންސިލްގެ ކޮންޓްރޯލް ސަރުކާރުގައި އޮންނަން ބޭނުންވާތީ ކަމަށް މި ސަރުކާރުގެ ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ބަންޑާރަނައިބު އެ ކަންސިލްގައި ނުހިމެނޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު، އެ ބިލު ހުށަހަޅި ސަބަބުތަކާ ގުޅޭ ގޮތުން އުޝާމް މިއަދު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލުކުރަނީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަންވާނީ ހަމައެކަނި ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ހިމެނޭ ފުރިހަމަ މިނިވަން އެކްސްކޯއަކުން ކަމަށް. މަގާމުގެ ހައިސިއްޔަތުން ބަންޑާރަނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަގަޅު ގޮތެއް ނޫން،" އުޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ތަފްސީލު - އެކަމާ ގުޅޭ ގޮތުން އިތުރަށް 'ދައުރު'އާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މިހާރު އޮތް ބާ ކައުންސިލްގެ އަގްޒެކްޓިވް ކޮމިޓީއާވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެ ކައުންސިލްންވެސް ބޭނުންވާ ގޮތަކީ، މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބަންޑާރަނައިބު ނުހިމެނުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"[އެ ބިލުގެ މަސައްކަތް19 ވަނަ މަޖިލީހުގައި ކުރަމުންދިޔައިރު] އޭރުވެސް ގާނޫނީ ވަކީލުންގެ ފަރާތުން އެދެމުން ދިޔަ ކަމަކީ، ގަނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމަށްޓަކައި މިނިވަން ބޮޑީއެކޭ އޮންނަން ޖެހޭނީ. އެހެން ނަމަވެސް އެ ބިލު ފުރަތަމަ ޑްރާފްޓް ވެގެން އައިއިރު، ބަންޑާރަނައިބު އެކްސްކޯ ހިމެނޭ ގޮތަށް އޮތީ. އޭރުވެސް އަޅުގަނޑު އެކަމާ ދެކޮޅު ހެދިން،" 19 ވަނަ މަޖިލީހުގައި އެ ބިލު ދިރާސާ ކުރި އިރު ޖުޑީޝަރީ ކޮމިޓީގައި އޭރު ވިލިމާލެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އިންނެވި އުޝާމް ވިދާޅުވި އެވެ.

"ނުފޫޒު ފޯރުވޭ ގޮތަށް އެހެން ބުނާކަށް ނެތިން. އެކަމަކު، ސަރުކާރުގެ ކޮންމެވެސް ކަހަލަ ކޮންޓްރޯލެއް އޭގެ ތެރޭގައި ބޭއްވުމުގެ މަގްސަދުގައި ކުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ." އެގޮތަށް އޭރު ބިލު އެކުލަވާލީ ކައުންސިލަށް ނުފޫޒު ފޯރުވަންތޯ އެހުމުން އުޝާމް ވިދާޅުވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގެ ތެރެއިން އޭރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވާހަކަ ދައކްަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އުޝާމް ވިދާޅުވި ގޮތުގައި އޭނާ އޭރުވެސް ގަބޫލު ކުރި ހަމައަކީ، ބާ ކައުސިލްގައި ބަންޑާރަނައިބު އެއްވެސް ދައުރެއް އޮވެގެން ނުވާނެ އެވެ. ނަމަވެސް ސަރުކާރުން އޭރު ހުށަހެޅި ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެގޮތަށް ފާސް ކުރީ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އޭގެ ސަބަބެއް ކަމަށް އެބޭފުޅުން އޭރު ވިދާޅުވީ، ބާ ކައުންސިލްގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ބަންޑާރަނައިބު އޭގައި ހިމަނަން ޖެހޭ ކަމަށް. އެހެން ނަމަވެސް، ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ބާ ކައުންސިލްގެ ކަންކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، އެއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

އެވާހަކަތަކަށް ބާރު ދެއްވައި އުޝާމް ވިދާޅުވީ:

  • ބާންޑާރަނައިބު ކައުންސިލްގައި ހިމެނިގެން ވީ ތަފާތުކަމެއް ނެތް ކަމަށް

  • އޭގެ ބަދަލުގައި ބައެއް ހާލަތްތަކުގައި އެކްސްކޯއަށް މިނިވަންކަމާއެކު ނިންމުންތައް ނިންނުމަށް ދަތިވާ ކަންތައްތަކެއް ދިމާވޭ

  • އެއީ، ބަންޑާރަނައިބު ބައްދަލުވުންތަކުގައި އިންނާތީވެ އެހެން މެންބަރުން ދައްކަން ބޭނުންވާ ގޮތަށް އެންމެ މިނިވަންކަމާއެކު ވާހަކަދައްކަން ބޭނުންވާގޮތަށް ނުދެއްކޭ

އެނގުން މުހިންމު - މިހާރު އެ ގާނޫނު އޮންނަ ގޮތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެންވަނީ، ބަނޑަރާނައިބާއެކު ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސް އަކާއި ނައިބު ރައީސް އަދި ހަ މެންބަރުންގެ މައްޗަށެވެ. މިހާރު އިސްލާހު ހުށަހަޅާފައި ވަނީ، ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަތް މެންބަރުންގެ މައްޗަށެވެ. އިތުރުވާ މެންބަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން އޮތީ، އިސްލާހަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގަ އެވެ. އިސްލާހަށް އަމަލު ކުރަން އޮތީ، ގާނޫނަކަށްވެ، ސަރުކާރު ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް