އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ވ) ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

އެމްޑީޕީ

މަދު ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާއާ މެދު މާޔޫސްވާން ޖެހޭ ސަބަބެއް ނެތް: ފައްޔާޒު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ހަ ބައި-އިލެކްޝަންގައި ލިބުނު ނާކާމިޔާބީއަށް ފަހު ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް ބައި-އިލެކްޝަންތަކުގައި ވޯޓުލާން ނުކުތީ މަދު ބަޔަކު ކަމަށާއި ނަތީޖާއާ މެދު މާޔޫސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް، އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވުނު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހިމެނޭ ހަ ބައި-އިލެކްޝަންގެ ތެރެއިން ފަސް ގޮނޑިއަކަށް އެމްޑީޕީން ވާދަ ކުރި އެވެ.ހަ ބައި-އިލެކްޝަން ވެސް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ.

އެމްޑީޕީގެ މި ނާކާމިޔާބީއާ ގުޅިގެން، ފައްޔާޒު ހިމެނޭ ގޮތަށް ޕާޓީގެ ލީޑާޝިޕަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ ވަނީ ރޭ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް. ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.

އެއާއެކު އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.

އެނގުން މުހިއްމު - އިއްޔެގެ ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު އޮތް 13،000އެއްހާ މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 3،260 މީހުންނެވެ. އެ އަދަދު މަދީ މާލެއިން ވޯޓުލާން ދިޔަ މީހުން މަދުވުމުންނެވެ. މާލޭގެ ބައެއް ދާއިރާތަކުގައި ވޯޓު ލާން ދިޔައީ އެންމެ %15 އެވެ. ނަމަވެސް ރަށްރަށުގެ ބައި-އިލެކްޝަންތަކުގައި ވޯޓުލާން ނުކުތް މީހުން ނިސްބަތުން ގިނަ އެވެ.

 އެގޮތުން:

  • ޕީއެންސީން ކާމިޔާބު ކުރި ކުޅުދުއްފުށި ސިޓީ ކައުސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ އިންތިހާބުގައި %61 މީހުން ވޯޓުލާން ނުކުތް

  • އަމިއްލަ ކެންޑިޑޭޓަކު ކުރި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ އިންތިހާބުގައި %74 މީހުން ވޯޓުލާން ނުކުތް

  • ޕީއެންސީން ކާމިޔާބު ކުރި ފ. ބިލެއްދޫ ކައުންސިލްގެ ރައީސްގެ އިންތިހާބުގައި %83 މީހުން ވޯޓުލާން ނުކުތް

ކޮމެންޓް (2)

ރެމީ

21 ޖުލައި 2024
އެކަކު ވޯޓުލައިގެން ބަލިވިޔަސް އެމް.ޑީ.ޕީ ބަލިވިކަމަށްވާނީ. މަނިކުފާނު ރަނގަޅުވާނީ އިސްތިއުފާދެއްވާފަ ހިންގާލާނެކަހަލަ މީހަކާ ހަވާލުކުރުން. މަނިކުފާނާއެކު އެމް.ޑީ.ޕީގެ ކުރިމަގު އިޒް ސޯ ބަނަ
3 0

ފަޔާ އަށް ސަލާމް

21 ޖުލައި 2024
ފަޔާ އަދިވެސް ގޮތްދޫކޮށްފަ ފަހަތައްޖެހެން ނުވޭތޯ؟ ބުނީމެއްނޫން ފިސާރި ހިންގާލާނަމޭ އަދިމިދަނީ މުޅިންވެސް ބައިކޮޅައްގޯލު ޖަހަމުން. އެހެންނޫނަސް ދިވެހި ރައްޔިތުން ބޭނުންވާ ނިޒާމެއްނޫން ތިޔަ ލާމަރުކަޒީ ނިޒާމަކީ. މިކަން އެނގޭނެ ވޯޓްލާ މީހުންގެ ނިސްބަތުން އަދިހަމަ ކުރިމަތި ލާމީހުންގެ ޡައުލީމީ ފެންވަރުންވެސް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް