ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކުން އެނބުރި ވަޑައިގަތުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ސަލާންކުރައްވަނީ
ރައީސްގެ ތާއީދު ފަތުއަޑު ކިޔާފައި އިތުރުވަމުންދާ ކަމުގެ ހެކި ފެނިއްޖެ: އަބްދުއްރަހީމް
މިއަދު އޮތް މާލެ ސިޓީ ކައުންސިލާއި ހދ. ކުޅުދުއްފުށީ ކައުންސިލްގެ ބައި-އިލެކްޝަނުގެ ހުރިހާ ގޮނޑިއެއް ވެސް ސަރުކާރަށް ނެގުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ތާއީދު ރައްޔިތުންގެ މެދުގައި ބޮޑުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވަން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އިންތިހާބުތަކެއް ބާއްވައިފަ އެވެ. އެ އިންތިހާބުތަކުގައި މާލޭ ސިޓީގެ ތިން ގޮނޑި އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.
ތަފްސީލް - ކައުންސިލަށް ހޮވުނު މެމްބަރުންނަށް މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމް ވަނީ ވޯޓު ދިން ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ޕީއެންސީން ހޯދުމުގެ ކްރެޑިޓް އެމަނިކުފާނު ދެއްވީ ރައީސް މުއިއްޒަށެވެ.
އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި އިންތިހާބުގެ ނަތީޖާއިން ދައްކަނީ ރައީސް މުއިއްޒުގެ "ތާއީދު ފަތުއަޑުކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާ ކަމެ"ވެ.
މާލެ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިންތިހާބުތައް ކާމިޔާބުކުރެއްވީ:
-
ފާތިމަތު ޝައުފާ: ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި
-
ފާތިމަތު އިޝާން އަލީ: މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި
-
އަލީ އައިމަން: ހުޅުމާލެ ދާއިރާގެ ގޮނޑި
-
އިބްރާހިމް އަހުމަދު: ކުޅުދުއްފުށީ ސިޓީ އުތުރު ދާއިރާގެ ގޮނޑި