އައިސީޖޭ ކޯޓުގެ ބައެއް ފަނޑިޔާރުން
ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބާން އައިސީޖޭގެ ލަފާ، ރާއްޖޭން މަރުހަބާ ކިޔައިފި
ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ޖެހޭ ކަމަށާއި ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އިޒްރޭލުން ހިންގަނީ ގައިރު ގާނޫނީ އަމަލުތަކެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
ވީ ކިހިނެއް؟ - ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބާން ޖެހޭ ކަމަށްބުނެ، އައިސީޖޭ އިން އިއްޔެ ވަނީ ލަފާ އެއް ނެރެފަ އެވެ.
އެ ލަފާގައި ވަނީ، އިޒްރޭލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން ތިބި ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިތިބި މީހުންވެސް އެ ތަން ދޫކޮށް ދާން ޖެހޭނެ ކަމަށެވެ.
ތަފްސީލް - އިޒްރޭލުގެ އަމަލުތައް ހުއްޓާލާ އެ މީހުން ހިފާފައިވާ ފަލަސްތީނުގެ ބިމުން ފައިބަން ޖެހޭ ކަމަށް އައިސީޖޭ އިން ނެރުނު ލަފާ އަކީ 'ނަން ބައިންޑިން އެޑްވައިޒަރީ އޮޕީނިއަން' އެކެވެ. މި ލަފާ އަށް އަމަލުކުރުން ލާޒިމު ނޫން ނަމަވެސް މިއީ ފަލަސްތީނާ ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލުން ހިންގާ ލާއިންސާނީ ހަރަކާތްތައް ހުއްޓާލަން ގޮވާލާ ގޮވާލުންތަކުގެ އަޑު އިތުރަށް ގަދަވާނެ ކަމެކެވެ.
އައިސީޖޭގެ މި ލަފާ އަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިޒްރޭލު މީހުންނަކީ އެހެންމީހުންގެ ބިންތަކަށް ވެރިވެގަންނަ ބަޔެއް ނޫންކަމަށާއި އެމީހުން ދެމިތިބީ އެމީހުންގެ އަމިއްލަ ބިންތައް ރައްކާތެރިކުރުމުގައި ކަމަށެވެ.
އޭނާ އިތުރަަށް ބުނީ، އިޒްރޭލު ނައްތާލަން މަަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ތެދުވުމަށާއި މިހާރު ވެސް އެފަދަ މީހުންނާ ދެކޮޅަށް އިޒްރޭލުން ކުރާ މަސައްކަތް ކުރުމުގައި ދެމިތިބުމަށް ހުވާކުރާ ކަމަށެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާޒު އަލް މާލިކީ ވިދާޅުވީ، އައިސީޖޭގެ ލަފާ އަކީ ތާރީހީ ނިންމުމެއް ކަމަށާއި އިޒްރޭލަށް ވާގިދޭ ގައުމުތަކުން އިޒްރޭލަށް ދޭ އެހީތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
I welcome the Advisory Opinion rendered by @CIJ_ICJ today, in respect of the legal consequences arising from the policies and practices of Israel in the Occupied Palestinian Territory, including East Jerusalem.
— Dr Mohamed Muizzu (@MMuizzu) July 19, 2024
By recognising the continued illegal presence of #Israel in the…
ގުޅުން ހުރި - އައިސީޖޭގެ ލަފާ އަށް މަރުހަބާ ކިޔާ ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒްރޭލުންް ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭން އުއްމީދު ކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަރެއް ގާއިމްވެ،1967 ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އީސްޓް ޖެރުސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ކަނޑައެޅިގެން ދިޔުން ކަމަށެވެ. އަދި އައިސީޖޭގެ ލަފައާ އެކު އެ އުއްމީދު އާވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.