މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ކިޔަވައިގެން އެނބުރި ރާއްޖެ އައުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި (ފޮޓޯ/ރައީސް އޮފީސް)
ކިޔަވައިގެން ރާއްޖެ އާދޭ، ބޮޑު މުސާރަ ދޭނަން: ރައީސް
މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ރާއްޖޭގައި މަސައްކަތް ކުރުމަށް އެނބުރި އައުމަށާއި ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މަތީ ސާނަވީއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކިޔަވައިގެން ދަރިވަރުން އެނބުރި ރާއްޖެ ނައުމާއި އެނބުރި އަޔަސް، އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާކަން ފާހަގަ ކުރައްވައިފަ އެވެ.
އެކަމަކު ރައީސް މިރޭ ދެއްވީ، ކިޔަވައިގެން އެނބުރި އަތުވެއްޖެ ނަމަ ރަނގަޅު މުސްތަގްބަލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.
"ޕްރައިވެޓް ސެކްޓާއަށްވުރެ ރަނގަޅު ވަޒީފާ އަދި އެއަށް ވުރެ ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި. އެކި ފަންނުތަކުން އެކި ދާއިރާތަކުން ރަނގަޅު މަގާމުތައް ލިބޭނެ އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމު ތަރައްގީއަށް އިންސާނީ ވަސީލަތް ކުރިއެރުން ވެސް މުހިއްމެވެ. އެހެންވެ، އެ ބަދަލު ގެނައުމަށް، އަންނަ އަހަރުން ފެށިގެން، އުމްރާނީ ތަރައްގީއަށް ކުރާ ހަރަދުން އެއްބައި ނަގައި، އިންސާނީ ތަރައްގީއަށް ހަރަދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
އަންނަ އަހަރުން ފެށިގެން، އުމްރާނީ ތަރައްގީގެ ބަޖެޓުން 200 މިލިޔަން ރުފިޔާ، އިންސާނީ ތަރައްގީއަށް ހަރަދު ކުރެވޭނެ
-
އެއީ ކިޔަވައިގެން އަންނަ ޒުވާނުންނާއި އަމިއްލަ ދާއިރާތަކުގައި އުޅޭ ޒުވާނުންނަށް ސަރުކާރުން ވަޒީފާ ދީ، ބޮޑެތި މުސާރަ ހަމަޖެއްސުމަށް
-
އޭރުން އަމިއްލަ ދާއިރާތަކަށް ވުރެ ސަރުކާރުގެ ވަޒީފާތައް ރަނގަޅުވާނެ ކަމަށް ވިދާޅުވި
"އެހެންވެ އަޅުގަނޑު ދަންނަވަން އޮތީ، އަވަހަށް ރާއްޖެ އައުމުގެ ވިސްނުން ބަހައްޓާށޭ. ޕްލޭން ކުރާށޭ. އަންނަ އަހަރުން ފެށިގެން މުސާރަ ބޮޑުވާނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކި ދާއިރާތަކުން ދިވެހިން ވަރަށް މޮޅަށް ކިޔެވި ނަމަވެސް، ކިޔަވައިގެން އެނބުރި ރާއްޖެ ނައުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ގެދޮރުވެރިކަމުގެ ދަތިކަން ވެސް ފިލުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދެ ވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވި ވަޒީފާގެ ދަތިކަން ވެސް، އާ ސިޔާސަތާއެކު ބަދަލުވެގެންދާނެ ކަމަށާއި އެހެންވެ، ގަައުމު ތަރައްގީ ކުރުމަށް އެނބުރި އައުމަށް ތަކުރާރުކޮށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ކޮމެންޓް (8)
މަގޭބުނޫ
އައްޑާ
ބޭރު މީހުން ބޭރު ކުރާށޭ ރިޒޯޓް ތަކުން
މިނިސްޓަރ އޮފް ގަރުދިޔަ
ގަދަގޭ އިބްރާހިމް
ޖޭމުގޭ އަހައްމާދީ
ހެއްވާ
ދައިގަންނަގުރާ