އީސީން ޖޫރިމަނާ ކުރި ތިން ޕާޓީގެ އިސްވެރިން (ކ-ވ): އެމްއެންޕީގެ މުހައްމަދު ނާޒިމް، ޑިމޮކްރެޓްސްގެ ހަސަން ލަތީފް އަދި އެމްޓީޑީގެ އަހުމަދު އަދީބު.

3 ސިޔާސީ ޕާޓީއެއް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެ ތިން ޕާޓީ ޖޫރިމަނާކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށް އީސީން ބުނޭ

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ތިން ސިޔާސީ ޕާޓީއެއް 50،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ނިންމުން ނިންމާފައިވާކަން އީސީން މިއަދު އެ އިދާރާގެ ރަސްމީ ސޯޝަލް މިޑީއާ އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ. އެ ތިން ޕާޓީއަކީ:

  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

  • މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)

  • ދަ ޑިމޮކްރެޓްސް

ބުނީ ކީކޭ؟ - އީސީން ކުރި ޕޯސްޓުގައިވާ ގޮތުން ޖޫރިމަނާކޮށްފައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ އެވެ.

މިއީ، މިފަދަ އަމަލުތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަތީ ޖޫރިމަނާ އެވެ.

އެނގުން މުހިންމު - ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލު ކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އޮޑިޓް ރިޕޯޓު ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ވާނެ އެވެ.

އޭގެ އިތުރުން، އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، އެއްވެސް ޕާޓީއަކުން ގާނޫނުގައިވާ ގޮތަށް މާލީ ރިޕޯޓެއް ހުށަހަޅާފައި ނުވާ ނަމަ، 20،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް