ޑައިބެޓީސް ސޮސައިޓީގެ އަހަރީ ހަފްލާގައި ފަސްޓު ލޭޑީ ސާޖިދާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ސްކޫލު ދައުރުގައި ހަކުރު ބައްޔަށް ހޭލުންތެރިކުރަން ޖެހޭ: ސާޖިދާ
ސްކޫލު ދައުރުން ފެށިގެން ހަކުރު ބައްޔަށް ކުދިން ހޭލުންތެރިކުރަން ޖެހޭ ކަމަށާއި މިއީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ އެއް ބަލި ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފަސްޓު ލޭޑީ ވިދާޅުވީ މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުން ވަރަށް ބޭނުންތެރި ކަމަށެވެ.
ތަފްސީލް - ސާޖިދާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރަމުންދާ މީހެއް ކަމަށާއި ބަލިން ރައްކާތެރިވާން ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.
އެގޮތުން ހަކުރުބަލީގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް އެކަމަނާ ފާހަގަކުރެއްވި އެވެ.
އެ ތިން ކަމަކީ:
-
ކޮންމެ މީހަކީ މި ބައްޔާ މެދު އަމިއްލައަށް މައުލޫމާތު ހޯދާ މީހަކަށް ވުން
-
ލިބޭ މައުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާހުކުރުން
-
ހަކުރުބަލި ތަހައްމަލުކުރަން ޖެހިފައިވާ ނަމަ ފަރުވާ ހޯދާ އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަންދިނުން
މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކުގެ ފޮތް ވެސް މި ހަފްލާގައި ނެރުނެވެ.