3 ޖުލައި 2024: މަޖިލީހުގައި ބޭއްވި ޖުޑިޝަލް ކޮމިޓީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޖުޑިޝަރީ

ޝަރީއަތްތައް ލަސްވާ މައްސަލައަށް ސުއޫދުގެ ހުށަހެޅުންތަކެއް

ސުއޫދު ވިދާޅުވީ ޝަރީއަތްތައް ލަސްވާ މައްސަލައަކީ ޖާގައިގެ ދަތިކަން އެކަނި ހައްލުވެގެން ވާނެ ކަމެއް ނޫން ކަމަށާއި ކޯޓުން މައްސަލަތައް ބަލާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް

ކޯޓުތަަކަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީއަތްތައް ނިންމުން އަވަސްކުރުމާއި ވާނުވާ ބަންދުގައި ބައިތިއްބަންޖެހޭ މައްސަލައަކީ ޝަރީއަތްކުރާނެ އިމާރާތެއް އެކަނި ހަމަޖެހުމަކުން ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި، އެކަމަށްޓަކައި ކޯޓުތަކުގައި މައްސަލަތައް ކުރިއަށްގެންދާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ޝަރީއަތްތައް ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ، ޝަރުއީ ދާއިރާގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކްރިމިނަލް ކޯޓުގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ކަމަށް އެ ކޯޓުން މީގެ ކުރިން ބުނެފައިވާތީ، އެކަމަށް އޮތް ހައްލުތަކާއި ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ސުވާލުކުރެއްވި އެވެ. އަދި ޝަރީއަތްތައް ލަސްވަމުން ދިއުމުގެ ސަބަބުން ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެންޖެހުމުގެ ކަންބޮޑުވުމާއި އެކަމަށް އޮތް ހައްލުތަކާ ގުޅޭ ގޮތުން ވެސް މެމްބަރުން ސުވާލުތައް އަމާޒުކުރެއްވި އެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމަކީ ޝަރީއަތްތައް ލަސްވާ ސަބަބުތަކުގެ %50. އަނެއް %50 އަކީ އަޅުގަނޑުމެންނަށް ފަނޑިޔާރުންނަށް ހައްލުކުރެވިދާނެ ކަމެއް.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ތަފްސީލް - ޖޭއެސްސީގެ މެމްބަރުކަން ވެސް އަދާކުރައްވަމުންދާ ހުސްނުއްސުއޫދު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތް މި އަހަރުގެ ޑިސެމްބަރަށް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި އެ އިމާރާތް ނިމުމުން ވެސް އެ މައްސަލަތަކަށް ލިބިގެންދާނީ ވަގުތީ ހައްލެއް ކަމަށެވެ. އެގޮތަށް ފާހަގަކުރައްވާ ސަބަބަކަށް އޭނާ ވިދާޅުވީ:

  • 35،000 މިިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތަކީ ފަސް އަހަރު ދުވަހަށް ލިބޭ އިމާރާތަކަށްވުމުން 

  • އެތަނުގެ ގްރައުންޑް ފްލޯ ބޭނުންކުރަން ކޯޓަށް ނުލިބޭނެތީ ސެކިއުރިޓީގެ ދަތިކަން ކުރިމަތިވާނެތީ

ޖާގައިގެ ދަތިކަމަށް އޮތް ދާއިމީ ހައްލަކީ ޝަރުއީ ދާއިރާއަށް ދާއިމީ އިމާރާތެއް ލިބުންކަން ސުއޫދު ފާހަގަކުރެއްވި އެވެ. ނަމަވެސް، އެއީ ވެސް ޝަރީއަތްތައް ލަސްވުމުގެ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ސްޓްރަކްޗަރަލީ މައްސަލަ ބަލާ ގޮތަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެހެން ނޫނީ މި މައްސަލަ ހައްލެއް ނުވާނެ. ހަމައެކަނި އަދި މުވައްޒަފުންނާއި، ފެސިލިޓީސް ލިބުނަކަސް ނުވާނެ. މިހާރު މައްސަލަ ބެލެމުންދާ ގޮތް [ބަދަލުކުރަންޖެހޭ،]" ސުއޫދު ވިދާޅުވި އެވެ.

3 ޖުލައި 2024: މަޖިލީހުގައި ބޭއްވި ޖުޑިޝަރީ ކޮމިޓީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޝަރީއަތްތައް ލަސްވާ މައްސަލައަށް ހައްލުކުރަން ކޯޓުން މައްސަލަ ބަލާގޮތަށް ގެންނަންޖެހޭ ބަދަލުތަކުގެ ގޮތުގައި ސުއޫދު ވިދާޅުވީ:

  • ޓްރަޔަލްއެއްގެ ތެރެއިން މައްސަލަތައް ބަލަން ފެށުން؛ މިހާރު އޮންނަ ގޮތަކީ މިއަދު ބަލާ މައްސަލަ އޭގެ ހަ މަސް ފަހުން ބެލޔން

  • ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް، ކޯޓުތަކުގެ ކޮންމެ ގާޒީއަކަށް ނުވަތަ މެޖިސްޓްރޭޓަކަށް އެހީތެރިއެއް ހުންނަ ގޮތަށް ހަމަޖެއްސުން

  • މަދަނީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށް، މީޑިއޭޝަންގެ ބައި މައްސަލަ ފެށުމުގެ ކުރިއަށް ލުން؛ މަދަނީ އިޖުރާއަތު ގާނޫނުގައި މީޑިއޭޝަންގެ ބައި އެއްވެސް ވަރަކަށް ނެތް

  • މީޑިއޭޝަންގެ ބައި ގާނޫނުގައި ހިމެނުމުން މިހާރު ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ %60 ދުވަހުން ދުވަހަށް ނައްތާލެވޭނެ

  • މަދަނީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތްގޮތުން ކޯޓުގެ ހުކުމަކާ ހިލާފުވެގެން އެޅޭނެ ފިޔަވަޅެއް ނެތް؛ މަދަނީ އިޖުރާއަތުގައި ފިޔަވަޅުތަކެއް ހިމަނައި އިސްލާހުކުރުން

"ކޯޓުތަކުގެ ޖާގައިގެ ދަތިކަމަކީ ޝަރީއަތްތައް ލަސްވާ ސަބަބުތަކުގެ %50. އަނެއް %50 އަކީ އަޅުގަނޑުމެންނަށް ފަނޑިޔާރުންނަށް ހައްލުކުރެވިދާނެ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ޖުޑިޝަރީ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވެސް ކަންބޮޑުވުން ފާޅުކުރެއްވި މައިގަނޑު މައްސަލައަކީ ކޯޓުތަކަށް ހުށަަހަޅާ މައްސަލަތައް ނިންމުމުގައި ލަސްވާ ލަސްވުމެވެ. ޝަމީމް ވެސް ވިދާޅުވީ، އެއީ ކޯޓަށް ހައްލުކުރެވިދާނެ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން، މައްސަލަތައް ކޯޓުގައި ދިގުލައިގެންދިއުމުގެ ސަބަބުން މައްސަލަތައް ސާބިތުކުރަން އުނދަގޫވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް